ދުނިޔެ

އިންޑިއާގެ އިގްތިސާދީ ކުރިއެރުން 8 އިންސައްތައަށްވުރެ މަތިވާނެ ކަމަށް އެސްބީއައިއިން ލަފާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ މާލީ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ނުވަތަ ޖީޑީޕީ 8 އިންސައްތައަށްވުރެ މަތިވާނެ ކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ލަފާކޮށްފިއެވެ. މިދިޔަ ޑިސެމްބަރު 31 ގެ ނިޔަލަށް ނިމުނު މުއްދަތުގެ ރަސްމީ ހިސާބުތައް އިންޑިއާގެ ތަފާސްހިސާބުތަކާ ބެހޭ މިނިސްޓްރީން އަންނަ ހުކުރު ދުވަހު އާންމުކުރުމުގެ ކުރިން، އެސްބީއައި އިން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ މި މުއްދަތުގައި ކުރިއެރުން ހުންނާނީ 8.1 އިންސައްތައިގައި ކަމަށެވެ.

Ads by Allied

އެސްބީއައިގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިގްތިސާދީ ކުރިއެރުން މިހާ މަތީގައި ހުންނާނެ ކަމަށް ބެލެވެނީ ރަށްފުށުގެ ސަރަހައްދުތަކުގައި މުދާ ބޭނުންކުރާ މިންވަރު އިތުރުވުމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ލިބެމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ސަރުކާރުން އިގްތިސާދު ކުރިއެރުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ސިޓީތަކުގެ ވިޔަފާރިތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ދިރާސާކުރި 50 އިންޑިކޭޓަރެއްގެ ތެރެއިން 87 އިންސައްތަ ދާއިރާއަކުން ވަނީ މިދިޔަ ކުއާޓަރަށްވުރެ ބޮޑު ކުރިއެރުމެއް ދައްކާފައެވެ.

އެސްބީއައިގެ އަންދާޒާތައް މިހާ މަތީގައި ހުރި ނަމަވެސް، އެހެން މާލީ އިދާރާތަކުން ލަފާކުރަނީ މިއަށްވުރެ ކުޑަ ކުރިއެރުމެކެވެ. އެގޮތުން ރޭޓިން އެޖެންސީ އައިސީއާރްއޭ (ICRA) އިން ލަފާކުރަނީ 7.2 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ލަފާކޮށްފައިވަނީ 7 އިންސައްތައިގެ ކުރިއެރުމެކެވެ. ގިނަ އިގްތިސާދީ މާހިރުން ބުނާ ގޮތުގައި ތަފާސްހިސާބު ބަލާ އުސޫލަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ސީދާ އަދަދެއް ބުނަން މިވަގުތު ދަތިވެއެވެ.

އަންނަ ހުކުރު ދުވަހު ތަފާސްހިސާބުތަކާ ބެހޭ މިނިސްޓްރީން ރަސްމީ ހިސާބުތައް އާންމުކުރާއިރު، ބޭސް އިޔާ ނުވަތަ އަސާސީ އަހަރަކަށް 2011-12 ގެ ބަދަލުގައި ބޭނުންކުރާނީ 2022-23 އެވެ. މި ބަދަލާއެކު ފާއިތުވި ތިން އަހަރުގެ ހިސާބުތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ކުރިން ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖުމްލަ ކުރިއެރުން ހުންނާނީ 7.4 އިންސައްތައިގައެވެ.

ބޭންކިން ދާއިރާއަށް ބަލާއިރު، އެސްބީއައިގެ ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރު ހިއްސާވާ ބޭންކުތަކުން ވަނީ އަމިއްލަ ބޭންކުތަކަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. ސަރުކާރު ހިއްސާވާ 12 ބޭންކެއްގެ ސާފު ފައިދާ 12.5 އިންސައްތަ އިތުރުވެ 1.46 ލައްކަ ކްރޯޑް ރުޕީސްއަށް އަރާފައިވާއިރު، އަމިއްލަ 8 ބޭންކެއްގެ ފައިދާ އިތުރުވެފައިވަނީ އެންމެ 3 އިންސައްތައެވެ. ނަމަވެސް ބޭންކުތަކުގައި ފައިސާ ރައްކާކުރާ މިންވަރު (ޑިޕޮސިޓް) ވަނީ ލޯނު ދޫކުރާ މިންވަރާ އަޅާބަލާއިރު ދަށްވެފައެވެ.