ރިޕޯޓް

މި ހަނގުރާމައިން ޓޫރިޒަމަށް ކުރާ އަސަރު ބޮޑުވާނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން

މާރިޗު މަހުގެ ކުރީކޮޅު މެދުއިރުމަތީގައި ފެށުނު އަސްކަރީ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ ސަރަހައްދުތަކަށް ރައްދު ހަމަލާތަކެއް ދީފައެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު ވައިގެ ދަތުރުފަތުރުގެ ކޮރިޑޯ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

Ads by Allied

މި ހަމަނުޖެހުން ބޮޑުވެގެން ދިޔައީ 28 ފެބުރުވަރީ 2026ގައި އެމެރިކާއާއި އިސްރާއީލުން އީރާނުގެ މިސައިލް އަދި ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށް ހަމަލާ ދޭން ފެށުމުންނެވެ. މީގެ ރައްދުގައި އީރާނުން ދިން 'ޓްރުތްފުލް ޕްރޮމިސް 4' ހަމަލާތަކުގައި ޔޫ.އޭ.އީ، ގަތަރު، ބަހްރޭން އަދި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބި، ހަތަރު މުވައްޒަފަކަށް އަނިޔާވެފައެވެ. އަދި އަބޫދާބީގެ ޒައިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ ހަތް މީހުންނަށް އަނިޔާވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފައެވެ. މި ތަންތަނަށް ލިބުނު ގެއްލުމުގެ އިތުރުން މުޅި އިންޑަސްޓްރީއަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. އަދި މިކަމުގެ ގެއްލުން އިންތިހާއަށް ރާއްޖެއަށް ބޮޑެވެ. މިހާތަނަށް ރާއްޖޭގައި އެކަނި ވެސް 1000 އަށްވުރެ ގިނަ ޓޫރިސްޓުން ތާށިވެފައި އެބަތިއްބެވެ.

ޓޫރިޒަމް ސިނާއަތުގެ އިސް ފަރާތެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިހާލަތުގެ ސަަބަބުން ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރުގެ ގެއްލުމެއް ޓޫރިޒަމަށްވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 1 މާރިޗު 2026 ގެ ހެނދުނާ ހަމައަށް އީރާން، އިސްރާއީލް، އިރާގު، އުރުދުން، ގަތަރު، ބަހްރޭން، ކުވެއިތު އަދި ޔޫ.އޭ.އީގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން އެމިރޭޓްސް، ގަތަރު އެއާވޭސް އަދި އިއްތިހާދު އެއާވޭސް ފަދަ އެއާލައިންތަކުގެ 1،800 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ދުބާއީ، ދޯހާ އަދި އަބޫދާބީ ހަބްތައް މެދުވެރިކޮށް ދުވާލަކު ގާތްގަނޑަކަށް 90،000 ފަސިންޖަރުން ދަތުރުކުރެއެވެ. މި އޮޕަރޭޝަންތައް ހުއްޓުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަނީ ތާށިވެފައެވެ. އެކަނި ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް 200،000 އަށްވުރެ ގިނަ ފަސިންޖަރުން ވަނީ ތާށިވެފައެވެ.

މި ހަމަނުޖެހުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު 72.50 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ މަތިވި ފަހަރެވެ. މީގެ ސަބަބުން އެއާލައިންތަކުން ޓިކެޓުގެ އަގު 6 އިންސައްތައާއި 8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކުރާނެ ކަމަށް ބެލެވެއެވެ.

  1. އިބޫ

    ކޮވިޑަށްވުރެ ބޮޑެއް ނުވާނެ. އެއްޗެކޭ ކިޔައިން ފައިސާ ޗާޕުކުރަން ތިއުޅެނީ