ޚަބަރު

މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން މިފްކޯއިން ޗައިނާގެ ސީއެމްއީސީއާއެކު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން މިފްކޯއިން ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by Allied

ފިޝަރީޒް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި އެއްބަސްވުންތަކުގެ މަގުސަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ގާބިލްކަން އިތުރުކުރުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެ އެމްއޯޔޫތަކުގެ ދަށުން ތ. ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްގީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކޮށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ގާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ގާއިމު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ސީއެމްއީސީ އާއި މިފްކޯއާއި ދެމެދު މިއަދު ސޮއި ކުރި އެމްއޯޔޫއާއެކު ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ފުޅާކޮށް ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.