ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އެކަނިވެރި މަޔަކާއި ޔަތީމުވެފައިވާ ދަރިއެއްގެ ޙަޔާތް. އިބުރަތާއި އަސަރުން ފުރިފައި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދިރިއުޅުމުގެ ޙާލަތަކީ ކޮންމެ ވަގުތެއްގައި ވެސް އަދި ކޮންމެ ތަނެއްގައި ހުރިކަމުގައި ވީ ނަމަވެސް ބަދަލުވެދާނެ އެއްޗެކެވެ. އަޑިގުޑަންތަކަށް ފަހު އުސްމިންތަކެއް ވެސް އަންނަމުން ދާނެއެވެ. ވަފާތެރިން ބޭވަފާތެރި ވާނެއެވެ. ރަހުމަތްތެރިން ބީރައްޓެހި ވާނެއެވެ. އަދި ދިރިއުޅުމުން ބައެއް މީހުން ނުކުމެގެން ވެސް ދާނެއެވެ. އެކަމާ ދެރަވެސް ވާނެއެވެ. އެހެން ނަމަވެސް ފަހުން އެކަން ހަނދާން ވެސް ނެތިދާނެއެވެ. އެހެންނަމަވެސް މި ހުރިހާ ކަމެއް ވަމުންދާއިރުގައި ތިމާގެ ދިރިއުޅުން ހުއްޓޭ ހެއްޔެވެ؟ ނުހުއްޓެއެވެ.

Ads by MWSC

އަހަރެންނަކީ ރަށު ސުކޫލުން ތަޢުލީމު ހާސިލް ކުރި ކުއްޖަކީމެވެ. އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އަހަރެންގެ އާއިލާއަކީ މާ ފުދުންތެރި ބައެއް ނޫނެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ވަރަށް ސާމާނު ގަނެވެނީ ހަމަ ކިރިޔާއެވެ. އަހަރެންގެ ބައްޕަ އަހަރެންގެ އުމުރުން އެންމެ 3 އަހަރުގައި ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. އަހަރެން ބަލާ ބޮޑުވީ އަހަރެންގެ މަންމަގެ ނިމުމެއްނެތް ލޯތްބާއި ކުލުނުގެ އެހީގައެވެ. އަހަރެންގެ މަންމައަކީ ވެސް އަދި ބައްޕައަކީ ވެސް އެއީއެވެ.

ރަށުގެ ރައްޔިތުން އަހަަރެންނާއި އަހަރެން އާއިލާއާ ވަރަށް ދުރުވާނެއެވެ. އެއްރަށެއްގައި ވަޒަންވެރިވެ އުޅޭ ބައެއް ނަމަވެސް އެމީހުންގެ ނަޒަރުގައި އަހަރެމެންނަކީ ބީރައްޓެހިންނެވެ. ފަހެ އަހަރެމެންގެ ކޮން ކުށެއް އޮވެގެންތޯއެވެ؟ ރަށުގައި އެކި ޒާތްޒާތުގެ ވާހަކަތައް ދައްކައެވެ. އަހަރެންގެ އާއިލާއަކީ ސިހުރު ހަދަމުންދާ އާއިލާއެއް ގޮތުގައި ނަން މަޝްހޫރެވެ. އެހެންނަމަވެސް މާތްﷲ ގަންދީ ހުވާ ކޮށް ބުނަމެވެ. އަހަރެންގެ އާއިލާއަކީ އެއްވެސް މީހަކަށް ދެރައެއް ދޭން ހިތަށްވެސް އަރުވާފައި ވާނެ ބައެއް ނޫނެވެ. މިއަދު އަހަރެމެންނާ ދިމާއަށް ކިތަންމެ އެއްޗިއްސެއް ގޮވަމުން ދިޔަ ކަމުގައި ވީ ނަމަވެސް އަހަރެމެންގެ ހިތް އެ އެންމެނަށްޓަކައި ވެސް ސާފެވެ.

އަހަރެން ތަޢުލީމު ހާސިލު ކުރަމުން އައި ސުކޫލުގައި އަހަރެންގެ އެއްވެސް ރަޙުމަތްތެރިއެއް ނޫޅެއެވެ. ކުލާހުގައި އަހަރެން ކައިރީގައި ހުންނަ ގޮނޑި ވެސް ހުންނަނީ ހުސްކޮށެވެ. އެކަމާ އަހަރެން މާ ބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. ސަބަބަކީ އަހަރެން ސުކޫލަށް އަންނަނީ ތަޢުލީމު ހާސިލް ކުރަން ކަމަށްވާތީ އަހަރެންނަށް އެކަން ކުރެވޭތީއެވެ. އެހެން ނަމަވެސް އަހަރެންނާ ދިމާލަށް މީހުން ކިޔާ އެއްޗެހީގެ ސަބަބުން އެކަމާ ދޭތެރޭ އަބަދުމެ ވިސްނެއެވެ. ސުކޫލުގައި އުޅޭއިރު ވެސް ހުސް ވަގުތެއް ލިބިއްޖެނަމަ އަހަރެން ވަގުތު ހޭދަ ކުރަނީ ސުކޫލުގެ ލައިބުރަރީގައެވެ.

އަހަރެންނާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް ހެވެއެވެ. އެހެން ނަމަވެސް އަހަރެންގެ މަންމައާއި ދިމާލަށް އެ ހަޑިމުޑުދާރު ބަސް ތަކުން މުޚާތަބު ކުރުމުގައި އެ އެންމެންނަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަހަރެންގެ އެ ނިކަމެތި މަންމަ އެމީހުނަށް ކުރީ ފަހެ ކޮން އުނދަގުލެއް ހެއްޔެވެ؟ އެހީ ވެދެވެން އޮތްނަމަ އަބަދުވެސް ވީވަރަކުން އެ ނިކަމެތި މަންމަ އެހީ ވެދޭނެއެވެ. މީހަކާ ދިމާލަށް ބަދު ބަހެއް ނުބުނާނެއެވެ. އަހަރެންގެ މަންމައަކީ އެހާމެ މާތް އިންސާނެކެވެ.

މާތްﷲ ގެ ރަޙުމަތްފުޅުން އަހަރެންނަކީ ކިޔެވުމަށް މޮޅު ކުއްޖަކީމެވެ. އަހަރެން، އަހަރެންގެ ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރާ މިންވަރު އެނގޭނީ އަހަރެންގެ މަންމައަށެވެ. އެހެންނަމަވެސް ރަށުގެ އެހެންމީހުން އެވާހަކަތައް ދައްކާ ގޮތުންނަމަ އަހަރެން ކިޔަވަން މޮޅުވުމުގެ އަސްލަކީ އަހަރެން މަންމަ ހަދާ ސިހުރެވެ. ހެޔޮ ނުވާނެ ނޫންތޯއެވެ. އިންސާނިއްޔަތު ކަމެއް ވެސް ހަމަ ނެތީތޯއެވެ. ރުހުމުގެ ލޮލަަކަށް އައިބެއް ނުފެންނާނޭ ބުނާ ފަދައިން، އެބައެއްގެ ހިތުގައި އަހަރެމެންނާ ދޭތެރޭ ނަފުރަތު އޮތްހާ ހިނދަކު އަހަރެމެން ކިތަންމެ ރަނގަޅު ކަމެއް ކުރި ކަމުގައި ވީނަމަވެސް އެކަމެއް ބަލައެއް ނުގަންނާނެއެވެ.

މިއަދު އަހަރެންނަކީ ސަރުކާރު އޮފީހެއްގައި މަތީ މަގާމެއްގައި މަސައްކަތް ކުރަމުން އަންނަ މީހަކީމެވެ. އަހަރެންނާ އަހަރެންގެ މަންމަގެ އިތުރުން މިހާރު އަހަރެންގެ ދިރިއުޅުމުގައި އިތުރު ދެ މީހަކު އެބަ ވެއެވެ. އާނއެކެވެ، އަހަރެންނަކީ މީހަކާއި އިނދެގެން ރަނގަޅު ދިރިއުޅުމެއް ފަށައި، އަހަރެންގެ މަންމަ އަށް މާމަ ކިޔާ މަގޭ ލޯބިވާ ދަރިފުޅުގެ ބައްޕަ ވެސް މެއެވެ.

އޭރު ބައެއްގެ އުނދަގުލާ މީހުން ކީހާ އެއްޗިއްސަށް އަހަރެންނާ އަހަރެންގެ މަންމަ ބީރު ކަންފަތެއް ދިނީ މިދުވަހަށް ޓަކައެވެ. އަހަރެމެންގެ އެއްވެސް ކުށެއް ނެތި އަހަރެމެން ދެމައިންނާ ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައް ކުރި އެ އެންމެނަށް ވެސް، މިއަދު ވެސް އަހަރެމެން ދެމައިންގެ ހިތް އެމީހުނަށް ޙަލާލެވެ. އަހަރެން މިހިސާބަށް އައުމުގެ އެންމެ ބޮޑު އަސްލަކީ އަހަރެންގެ އެ ހިތްވަރުގަދަ ލޯބިވާ މަންމައެވެ. މިއަދު އަހަރެންނާއި އަހަރެންގެ އާއިލާ ވެސް މާލޭގައި ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!