ގަން އެއާޕޯޓުގައި ޑިއުޓީ ފްރީ ހިދުމަތް ފަށަން ތައްޔާރު ވެއްޖެ
އައްޑޫސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީ އޮޕަރޭޝަނެއް ޤާއިމުކޮށް ހިންގުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީގެ ފަރާތުން ތައްޔާރު ވާން ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލްގައި މަތީ ފަންތީގެ ބައިނަލްއަޤުވާމީ ޑިއުޓީ ފްރީއެއްގެ ޤާއިމްކުރުމުގެ މަޤްޞަދަކީ ލަގްޒަރީ ރީޓެއިލްގެ ޚިދުމަތް ރާއްޖޭގެ ދެކުނަށް ތަޢާރަފްކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމާއެކު، ދިވެހިރާއްޖޭގެ ދެކުނުގެ ވިޔާރީގެ ފުރުސަތުތައް ފަހިކޮށް، ފަތުރުވެރިކަމާއި އިޤްތިޞާދީ ދުވެލި ހަލުވިކުރުމެވެ. މިއީ ދިވެހިރާއްޖޭގެ އިޤުތިސާދު ފުޅާކުރުމަށާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
އައްޑޫސިޓގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކުރުމަށް ތައްޔާރުވަމުން މިދާ ޑިއުޓީ ފްރީ އޮޕަރޭޝަންގެ ސަބަބުން ރާއްޖޭގެ ދެކުނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބައިނަލްއަގުވާމީ އާ ރޫޓުތައް ދެކުނުގެ ވިއުގައަށް ތަޢާރަފްކުރުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމާއެކު، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތައް އުފެދިގެންދާނެއެވެ. މި ޑިއުޓީ ފްރީއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރެވިގެންދާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުންނެވެ.
މިއީ އައްޑޫސިޓީގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން ގެންގުޅެމުން އަންނަ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް"ތަސައްވުރުގެ ދަށުން އެޅިގެންދާ އިޤްތިޞާދީ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމަކީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ދުނިޔެ ގަބޫލުކުރާ ފެންވަރަށް އުފުލާލުމަށާއި ދެމެހެއްޓެނިވި ކުރިއެރުން ހޯދައިދީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގައިގެ ތެރޭގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު މުހިންމު ބަހާއެކެވެ.