މާލޭގައި ތަރައްޤީކުރި ފުރަތަމަ ސްކޭޓިންގ އެރީނާ ރައީސް މިއަދު ހުޅުއްވައިދެއްވައިފި
އުސްފަސްގަނޑު ސަރަޙައްދުގައި ތަރައްޤީކުރި ފުރަތަމަ ސްކޭޓިންގ އަދި ސްކޭޓް ބޯޑިންގ އެރީނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މާލޭ ސަރަޙައްދުގައި ބިނާކުރެވުނު މި ފުރިހަމަ ޕާކު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އިޖުތިމާޢީ ޒިންމާގެ ދަށުން އާރްސީސީ ކުންފުނިން ހިލޭ ސާބަހަށް ފުރިހަމަކޮށްދިން މި މަޝްރޫޢުގެ މަސައްކަތް އެކުލެވިގެން ވަނީ މައިގަނޑު ދެ ބަޔެއްގެ މައްޗަށެވެ. އެގޮތުން، ސްކޭޓްކުރާ ރިންގުގެ މަސައްކަތް ތިން މަސްދުވަހުން ނިންމާލިއިރު، ސްކޭޓް ބޯޑިންގ ޕާކުގެ ބައި ނިންމުމަށް އިތުރު ދެ މަސް ދުވަސް ހޭދަވެފައިވެއެވެ. ޖުމްލަ ފަސް މަސްދުވަހުގެ ތެރޭގައި މުޅި އެރީނާގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.
މި ރަސްމިއްޔާތުގައި ސްކޭޓްކުރުމަށް ޝައުޤުވެރިކަން ހުންނަ ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ. މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފާހަގަކުރެއްވި ގޮތުގައި، އަލަށް ހުޅުވިގެންދިޔަ މި އެރީނާގެ ސަބަބުން ދިވެހި އެތުލީޓުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތަކަށް ފަރިތަކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ. އަދި ހަމައެހެންމެ، ރާއްޖޭގައި ބޭރުގެ ބޮޑެތި މުބާރާތްތައް ހޯސްޓްކުރުމުގެ މަގު ވެސް މީގެ ސަބަބުން ފަހިވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.