ޚަބަރު

މި ހުތޫރަތްތެރި ދަނޑިވަޅުގައި، ސިއްހީ ހިދުމަތްތެރިންގެ ލަފަޔަށް އަމަލު ކުރައްވާ: އަދުރޭ

ދިވެހި ރާއްޖެއަށް ދިމާވެފައި މިވާ ސިއްހީ ހުތޫރަތްތެރި ވަގުތުގަައި، ސިއްހީ ހިދުމަތްތެރިންގެ ބަސް އަޑު އެހުމަށް ޕީއެންސީ ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ، އަދުރޭ ގޮވާލައްވައިފިއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ތެރެއިން ކޯވިޑް 19 ޖެހިފައިވާ މީހެއް ފެނިފައިވާ މި ދަނޑިވަޅުގައި ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ސިއްހީ ހިދުމަތް ތެރިންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑުއަހާ އެގޮތަށް އަމަލުތައް ބެހެއްޓުމުން ކަމަށެވެ.

މާލެއިން މިއަދު ފަހުގެ އެއްވެސް ޓްރެވަލް ހިޒްޓްރީ އެއް ނެތް މީހަކު ކޯވިޑް 19 ޕޮޒިޓިވް ވުމާއި ގުޅިގެން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް ވަގުތުން އަޅާފައެވެ.

އެގޮތުން މިއަދު 3:30 އިން ފެށިގެން 24 ގަޑިއިރަށް ވަނީ މުޅި ގްރޭޓަރ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ. އަދި މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުން ވެސް ވަނީ މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!