ސައީދު، ރައީސް އަށް: މިވަގުތު މުހިންމީ ޕަބްލިކް ސްޓަންޓެއް ނޫން، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން
މިވަގުތަށް އެންމެ މުހިންމީ ސިޔާސީ ޝޯއެއް ނުވަތަ ޕަބްލިކް ސްޓަންޓެއް ނޫން ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސި ގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނާއި މުޚާތަބު ކޮށް ދެއްވި ޚިތާބާއި ގުޅިގެން ކުރި އެފްބީ ޕޯސްޓެއްގައެވެ.
ސައީދު އިތުރަށް ވިދާޅުވެފައިވަނީ މިވަގުތަށް އެންމެ ރައްޔިތުންނަށް އެންމެ މުހިންމީ ތެދު މައުލޫމާތު ކަމުގައެވެ. އަދި އެޔާއެކު ރައްޔިތުންގެ ސަލާމަތާއި ޔަގީން ކަމާއި އިތުބާރާއި ، ﷲ ސުބުހާނަހޫ ވަތަޢާލާ އަށް ކުރެވޭ ހެޔޮ ދުޢާކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް ސޯލިހު ރައްޔިތުންނަށް އޯގާތެރިވާން ގޮވާލެއްވިއިރު ގައުމުގެ އިދިކޮޅު ލީޑަރު އޮންނެވީ ސިޔާސީ އޮޅުވާލުމެއްގައި ޖަލުގައި ކަމަށް ވިދާޅުވަމުން ސައީދު ވަނީ އިދިކޮޅަށް ލީޑަރަށް އަނިޔާ ދެއްވަނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.
ރާއްޖެއިން މިހާތަނަށް 21 މީހެއްގެ ގައިން ވައިރަސް ފެނިފައިވާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮވިޑް-19 ގެ ބިރު ރާއްޖޭގައިވެސް އޮތް މިދަނޑިވަޅުގައި ކުރީގެ ރައީސް ޔާމީން ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާ މައްސަލަ އަވަސްކޮށްދީ ރައީސް ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.
ރައީސް މިއަދު ގައުމާ މުހާތަބު ކުރެއްވިއިރު ކީރިތި ކުރައްވަމުން ތަކުރާރުކޮށް މިކަމުގައި ރައްޔިތުންގެ އެއްބާރުލުމާއި ކެތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި މިކަމުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި މިއީ އެންމެން އެކުވެރިކަމާ އެކު މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް19 ގެ ކޭސް އެއް ފެނުމާއެކު މާލެ މިހާރު އޮތީ ސައުވީސް ގަޑިއިރަށް ލޮކްޑައުން ކޮށްފައިކަން ފާހަގަ ކުރައްވަމުން ރައިސް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހާޔާ ކޮންޓެކްޓްވި މީހަކު މާލެ އަތޮޅު ކާށިދުއަށް ގޮސްފައިވާކަން އެނގިފައިވާތީ އެރަށްވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.