ޚަބަރު

ލ. ގަމު "ޕަރީ ފެންގަނޑު"ބަލައިލުމަށް ތަރައްޤީކުރި ޚާއްޞަ މަންސަ އާންމުންނަށް ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ލާމް އެމްވީ

ލ. ގަމުގައި އޮންނަ ޤުދުރަތީ ގޮތުން ފާހަގަކޮށްލެވޭ 'ބޮޑަ ފެންގަނޑަ' ނުވަތަ 'ޕަރީ ފެންގަނޑު' ގެ ހިތްގައިމު މަންޒަރުތައް ފަސޭހަކަމާ އެކު ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ސަރަޙައްދުގައި ތަރައްޤީކުރި ޚާއްޞަ ޕްލެޓްފޯމް ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.

Ads by Allied

އެންދެރި މަޝްރޫޢުގެ އެހީތެރިކަމާ އެކު ހެރިޓޭޖް ސޮސައިޓީން، ޖުމްލަ ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާގެ ބަޖެޓަކުން ހިންގި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ އެ ސަރަޙައްދުގެ ރީތިކަން އާންމުންނަށް ރައްކާތެރިކަމާ އެކު އުފާކޮށްލެވޭނެ ގޮތަށެވެ. އަދި މި މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލުމުގައި ލ. ގަމު ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާކަން މަޝްރޫޢު ހިންގި ފަރާތުން ފާހަގަކުރެއެވެ.

މި މަންސަ ހުޅުވުމަށް އެ ސަރަޙައްދުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ޕްރޮޖެކްޓުގެ ތެރެއިން އާންމުންނަށް ތަފާތު ތަޖުރިބާތަކެއް ކުރުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ފެންގަނޑުގެ ތެރޭގައި ދުއްވުމަށްޓަކައި ދެ ކެނޯއެއް މިހާރު ވަނީ އެ ސަރަޙައްދުގައި ބާއްވާފައެވެ. މިއީ އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް އައު ހަރަކާތްތަކެއްގައި ބައިވެރިވުމަށް ހުޅުވައިލެވުނު ފުރުޞަތެކެވެ.

ތާރީޚީ ގޮތުންނާއި ޤުދުރަތީ ގޮތުން މުއްސަނދިކަމެއް ލިބިފައިވާ ބޮޑަ ފެންގަނޑަކީ ގަމުގެ ވަރަށް މުހިންމު ތަރިކައެކެވެ. މިފަދަ ޒަމާނީ ވިއުވިންގ ޕްލެޓްފޯމެއް އެ ތަނުގައި ޤާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އެ ސަރަޙައްދު އިތުރަށް ތަރައްޤީކޮށް، ރަށުގެ ރައްޔިތުންނާއި ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލަކަށް އެތަން ހެދުން ކަމަށް އިންތިޒާމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނެއެވެ.

Ads by Allied Insurance