މި ހާލަތުގައި މަގުމަތީގައި އުޅޭ މީހުން ކަރަންޓީން ފެސިލީޓީތަކަށް ގެންދާނަން: ފުލުހުން
މާލޭ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން 14 ދުވަސް ފުރިހަމަކުރުމަށް ކަރަންޓީން ފެސިލީޓީތަކަށް ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު މާލެއިން މިއަދު ފެނުމާ ގުޅިގެންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މީގެކުރިން އިއުލާންކުރި ކާފިއުގެ ހާލަތުގައި އަމަލުކުރި ގޮތާއި މިފަހަރު ތަފާތުވާނެ ކަމަށާއި އެގޮތުން ފިޔަވަޅުތައް ހަރުކަށިވާނެ ކަމަށެވެ.
އެގޮތުން މަގުމައްޗަށް ނިކުމެ، އެއްވެސް ބޭނުމެއް ނެތި އުޅޭނަމަ ކަރަންޓީނު ސެންޓަރަކަށް ވެސް ގެންދާނެ ކަމަށް ނަވީން ވިދާޅުވިއެވެ.
"ފުލުހުން އެ ދެއްވާ ގައިޑްލައިންގެ އިތުރުން މަގުމައްޗަށް އުޅޭނަމަ 14 ދުވަސް ފުރިހަމަ ކުރަން ކަރަންޓީނު ސެންޓަރަކަށް ދާން ޖެހޭނެ" ނަވީން ވިދާޅުވިއެވެ.
މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް އެމީހުން ނުކުމެ އުޅޭ ބޭނުމަކާއި ދާ ތަނަކާއި ބޭނުން ފުލުހުން ސުވާލުކޮށް އޮޅުން ފިލުވާނެ ކަމަށާއި އަދި ހުއްދަ ނެތި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ނަވީން ވިދާޅުވިއެވެ.
"މީގެ ބޭނުމަކީ ރައްޔިތުން ޖޫރިމަނާކޮށް ކުށްވެރި ކުރުމެއް ނޫން. މީގެ ބޭނުމަކީ ރައްޔިތުން އަންގާ އެންގުންތަކަށް ބޯލެނބުން" ނަވީން ވިދާޅުވިއެވެ.
މީގެއިތުރުން އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހުގެ ކާޑު ބޭނުންކޮށްގެން އޮފީހަށްވެސް އަދި އެހެން ތަނަކަށްވެސް ނުދެވޭނެ ކަމަށާއި އެމީހުންނަށްވެސް ދެވޭނީ ހުއްދަދީ ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެންކަމަށް ފުލުހުން ވިދާޅުވެއެވެ.