ކެންސަލްވާ ފްލައިޓު މަދުވެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
ހަނގުރާމައިގެ ސަބަބުން ކެންސަލްވަމުން ދިޔަ ފްލައިޓްތައް މަދުވެ، ޓޫރިސްޓުންގެ އަދަދު އިތުރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެވްރެޖު އައިސްފައިވަނީ 7085 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު މި އަދަދު ހަނގުރާމައިގެ ސަބަބުން 6855 އަށް ދަށްވިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި ދަށްވުން އައިނަމަވެސް މިމަހުގެ 5-11 އާއި 12-18 އަށް އަޅާކިޔާނަމަ 35653 ޓޫރިސްޓުން އައިސް ޓޫރިޒަމަށް ވަނީ %2.2 ގެ ކުރިއެރުމެއް ލިބިފައެވެ.
"މިއީ ކޮމެޓީއާއެކު ސަރުކާރުގެ ރިސޯސަސްތައް ބޭނުންކޮށްގެން ކުރަމުންދާ މަސައްކަތުން އައި ހެޔޮ ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލާނަން،" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މިކުރިއެރުމާއެކު ރާއްޖެ އަންނަ ފްލައިޓުގެ ފްރިކްއެންސީ ވަނީ އިތުރުވާން ފަށާފައެވެ.
"ފުރަތަމަ މިކަން ދިމާވިއިރު 19 ފްލައިޓް ކެންސަލްވޭ. ނަމަވެސް މިހާރު ފްލައު ދުބާއީ އެމިރޭޓްސް ފަށައިފި. މިހާރު އޮޕަރޭޓް ކުރާ އެއާލައިންގެ ފްރިކުއެންސީ އިތުރުވެއްޖެ. ނަމަވެސް އެއާލައިންތަކަށް ފުލް ސްކޭލްއަށް އޮޮޕަރޭޓެއް ނުވޭ. މިއީ ހަމައެކަނި ރާއްޖެއަށް އައި ހާލަތެއް އެކަންޏެއްވެސް ނޫން،" އަމީން ވިދާޅުވިއެވެ.