ފައްސިވި މީހާއާ ގުޅުންހުރި މާލޭ ދެ ގެއަކަށް ވަދެ ނުކުތުން މަނާ ކޮށްފި
މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހާ ދިރިއުޅުނު މ. ޖަރީމާގެ އާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާއަށް ވަދެ ނުކުމެ އުޅުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު މާލޭ ސިޓީއިން ކޮވިޑަށް ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން މ. ޖަރީމާގެ މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި ސ. ހިތަދޫ ނޫމަސް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މާލެއިން ކޮވިޑްގެ ކޭސްއެއް ފެނުމުން މާލެ ސަރަހައްދު މިއަދު ވަނީ 24 ގަޑި އިރަށް ލޮކްޑައުންކޮށްފަ އެވެ. މި ވަގުތުތަކުގައި މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ އުޅަނދުތައް ފުރުމާއި މި ސަރަހައްދަށް އުޅަނދުތައް އައުމަކީ މަނާ ކަމެކެވެ. ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މި ވަގުތު މާލޭގައި ތިބި މީހުން، ފުލުހުންނަށް ގުޅައި އެ މައުލޫމާތު ސާފުކުރުމަށް ފަހު ދިއުމުގެ ހުއްދަ ދޭނެ ކަމަށް ފުލުހުން މިއަދު ހަވީރު ބުންޏެވެ.