ޚަބަރު

ބިރުވެރިކަން އުފައްދަން ޖާގައެއް ނުދޭނަން: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުންދީ މުޖްތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ނުބައިކަން ބޮޑު ކަމެއް ކަމަށާއި އެކަމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިޢީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލާ، އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް އެންމެ ބޮޑަށް ދައްކަންވީ ވަގުތުކަމަށާއި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ މުޖްތަމައުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަން ވީ ވަގުތު ނޫން ކަމުގައެވެ. އަދި އެއި ނުބައިކަން ބޮޑު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރައްވާފައިވެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ މަހިބަދޫ ބަނދަރުގައި އަޅާފައިވާ އުޅަނދުތަކެއްގައި ރޯކޮށްލާ ބޮޑެތި ގެއްލުންތަކެއް ދީފައިވަނިކޮށެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތުގައެވެ.

ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ވެފައ ނުވިނަމަވެސް 6 އުޅަނދެއް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އޭގެ ތެރޭގައި ސީ އެމްބިއުލާންސްއަކާއި ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ހާދިސާ އަކީ ބަޔަކު ގަސްތުގައި ހިންގި ހާދިސާއެއްކަން ކަށަވަރުވާކަން ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!