3 ރައީސުން އެއްބަސްވުމަކަށް، ވިދާޅުވީ މުޒާހަރާތަކުން ވެސް ފެންނާނެ ކަމަށް!
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އިބްރާހީމް މުޙައްމަދު ޞާލިޙު އެއް މޭޒަކަށް ވަޑައިގެން، ގުޅިގެން މަސައްކަތްކުރެއްވުމަށް ތާރީޚީ އެއްބަސްވުމަކަށް މިއަދު ވަޑައިގެންފިއެވެ.
މި ތިން ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު އާންމުކުރެއްވި ގުޅިފައިވާ ނޫސްބަޔާނެއްގައި، މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން، ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ އެތައް ޙައްޤުތަކަކަށް ސަރުކާރުން ފާޅުކަންބޮޑު ގޮތެއްގައި އަރައިގަންނަމުންދާކަމަށާއި، އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަނިކޮށް ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން އެއްކޮށް ނަގާލާފައިވާކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިން ހައްޔަރުކުރަމުންދާ މައްސަލަވެސް މި ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ. ހަމައެއާއެކު، ރާއްޖޭގެ އިޤުތިޞާދީ ފޯރުންތެރިކަން ދަށަށްގޮސް، ތަކެތީގެ އަގުބޮޑުވެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވަމުންދާއިރުވެސް، ސަރުކާރުގެ ޚަރަދުތަކާއި އިސްރާފު އިންތިހާއަށް އިތުރުވެފައިވާކަމަށް ބަޔާނުގައި ވެއެވެ. ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ނޭދެވޭ އަމަލުތަކާއި ގޯސް އާދަތައް އިސްލާޙުކުރުމަށް މި ސަރުކާރުން ނުކުޅެދިފައިވާކަމަށްވެސް ރައީސުންގެ ބަޔާނުގައި ތުހުމަތުކުރައްވާފައިވެއެވެ.
ދިވެހިން އެތައް ޤުރުބާނީއެއްވެގެން ގެނައި ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެކަމުގެ އިތުބާރު މިހާރު ގެއްލިފައިވާކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. މި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން ނުކުމެވަޑައިގަތުމަށް ނިންމެވިއިރު، ހައްޔަރުކޮށްފައިވާ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި، އެފަރާތްތަކާ ދެކޮޅަށް ހިންގާ ބޭއިންސާފު ޝަރީޢަތްތައް ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.
މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި، ތަފާތު ފިކުރުތަކުގެ ފަހަތުގައި ތިއްބެވި ކުރީގެ ތިން ރައީސަކު މިފަދަ ގޮތަކަށް އެއްގަލަކަށް އަރައިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.