ސިޓީ ތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41000، އަދި ރަށްތަކުގެ ރައީސުންނަށް 21000 ދޭން ނިންމައިފި
ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަށް 41000 ރުފިޔާ އަދި ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އަށް 21000 ރުފިޔާގެ މުސާރަ އެއް ދިނުމަށް ނޭޝަނަލް ޕޭ ކޮމިޝަން އިން ނިންމައިފި އެވެ.
މިފަދައިން އެ ކޮމިޝަނުން ނިންމައި އެ ކޮމިޝަނުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޗީފް އެގްޒެކިޓިވް އޮފިސަރު މުހައްމަދު ނިމާލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެލްޖީއޭގެ ލަފާޔާ އެއްގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ ކަނޑައަޅާފައިވާ ކަމަށެވެ.
އެ ސިޓީގައިވާ ގޮތުން ރަށު ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަ:
- ރައީސާއަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 16000 ރުފިޔާ، ލިވިންގ އެލަވަންސް ގެ ގޮތުގައި 4500 ރުފިޔާ، މުޅިއަކު ޖުމްލަ 21000 ރުފިޔާ ކަނޑައަޅާފައިވޭ
- ނައިބު ރައީސާއަށް ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 4000، ސިޓިންގ އެލަވަންސް ކޮންމެ ބައްދަލުވުމަކު 500 ރުފިޔާ އަދި މަހަކު އެންމެ ގިނަވެގެން 2000 ރުފިޔާ، މުޅިއަކު ޖުމްލަ 6000 ރުފިޔާ.
- މެންބަރުންނަށް ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 3000، ސިޓިންގ އެލަވަންސް ކޮންމެ ބައްދަލުވުމަކު 500 ރުފިޔާ އަދި މަހަކު އެންމެ ގިނަވެގެން 2000 ރުފިޔާ، މުޅިއަކު ޖުމްލަ 5000 ރުފިޔާ.
އެ ސިޓީގައިވާ ގޮތުން ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރަ:
- ރައީސާއަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 33000 ރުފިޔާ، ލިވިންގ އެލަވަންސް ގެ ގޮތުގައި 8،500 ރުފިޔާ، މުޅިއަކު ޖުމްލަ 41000 ރުފިޔާ ކަނޑައަޅާފައިވޭ
- ނައިބު ރައީސާއަށް ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 5000، ސިޓިންގ އެލަވަންސް ކޮންމެ ބައްދަލުވުމަކު 500 ރުފިޔާ އަދި މަހަކު އެންމެ ގިނަވެގެން 2000 ރުފިޔާ، މުޅިއަކު ޖުމްލަ 7000 ރުފިޔާ.
- މެންބަރުންނަށް ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 4000، ސިޓިންގ އެލަވަންސް ކޮންމެ ބައްދަލުވުމަކު 500 ރުފިޔާ އަދި މަހަކު އެންމެ ގިނަވެގެން 2000 ރުފިޔާ، މުޅިއަކު ޖުމްލަ 6000 ރުފިޔާ.
މިހާރު ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އަށް ލިބެނީ 7،000 ރުފިޔާ، ނައިބު ރައީސާ އަށް ލިބެނީ 6500 ރުފިޔާ އަދި މެންބަރަކަށް ލިބެނީ 6000 ރުފިޔާ އެވެ. ރަށު ކައުންސިލްތަކުގެ ރައީސާ އަށް ލިބެނީ 6000 ރުފިޔާ، ނައިބު ރައީސާ އަކަށް 5،500 ރުފިޔާ އަދި މެންބަރަކަށް 5000 ރުފިޔާ އެވެ.