ރިޕޯޓް

ތޮށްޖެހިފައިވާ މި މާލޭގައި "އެއްތާވި މީހުން" ހޯދުމަކީ ވޭނީ ތަކުލީފެކެވެ!

ދެން އެމްވީ ، ދެން އޮންލައިން

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ކޮވިޑް19 އޭ ކިޔުނު ނުރައްކާތެރި ބަލިމަޑުކަން އައިސް މި ފުރަ މާލެއަށް އަރައިފިއެވެ. ބިރުވެރިކަމާއި ނާމާންކަން ހިތަށް ވެރިވެގެންފިއެވެ. މިހާތަނަށް ދުނިޔޭގެ 2 މިލިއަނަށް ވުރެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާއިރު، 134000 އަށްވުރެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. ފަރުވާއެއް، ވެކްސިނެއް ހޯދިފައިނުވާ މި ނުރައްކާތެރި ބަލި މާލެއަށް އަރާ މާލޭގައި ދިރިއުޅޭ މީހަކު މި ބައްޔަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ބައްޔަށް ފައްސި ވީ މަންމަ އެކެވެ. އެ މަންމަ ބައްޔަށް ފައްސިވެފައިވާކަން އެނގުމުން ސީދާ "އެއްތާވި މީހުން" ދެނެގަތުމަށްފަހު އެކަހެރިކުރިއެވެ. އަދި ޓެސްޓުތައް ހެދިއިރު ނަތީޖާ މާ ހިތްދައްޗެވެ. އެ މަންމަގެ ތުއްތު ތުއްތު ދަރިފުޅުވެސް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ. އަދި އާއިލާގެ އިތުރު މެންބަރަކުވެސް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

ބައްޔަށް ފައްސިވެފައިވާ މީހަކު ހުރިކަން ޔަޤީންވި ހިސާބުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހަރުކަށި އަދި މުހިންމު ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. މާލެ ފުރަބަންދުކޮށް، ގޭގެއަށް މީހުންތައް ވައްދާ، ދަތުރު ފަތުރު އެއްކޮށް ހުއްޓުވާލިއެވެ. އެގޮތުން މާލޭގެ ރިސްކު ލެވެލް "ލެވެލް ރަތް" އަށް ބަދަލުކުރިއެވެ. ސަބަބަކީ ބައްޔަށް ފައްސިވި އަންހެން މީހާއަކީ ދަތުރުކުރުމުގެ މާޒީއެއް އޮތް މީހަކަށް ނުވާތީއެވެ. އެހެން ކަމުން މާލޭގައި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް މި ބަލި ފެތުރެން ފަށައިފިކަން ޔަޤީން ވީއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އަދި ކަމާބެހޭ މާހިރުން މިއަދު ކުރަމުން އެދަނީ އެ ބަލި ޖެހުނު 3 މީހުންނާއި، "އެއްތާވި މީހުން" (ޑައިރެކްޓް ކޮންޓެކްޓް) ވި މީހުން ދެނެގަތުމުގެ މަސައްކަތެވެ. ލިޔެލަން ކިތަންމެހާވެސް ފަސޭހައެވެ. ނަމަވެސް މި މާލޭގެ ހާލަތާއި، މި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޙާލަތަށް ވިސްނާލުމުން މިކަމުގައި ހުރި ވޭނާއި ތަކުލީފު ކިތަންމެހާވެސް ބޮޑެވެ.

މާލެ މިއޮތީ ތޮށްޖެހިފުރި ބާރުވެފައެވެ. މަގުމައްޗަށް ނިކުމެ ހިރިލާނެ ޖާގައެއް ނެތެވެ. ގޭތެރޭގެ ހާލަތުވެސް ހަމަ އެފަދައެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި 10 ވަރަކަށް މީހުން އެބަ އުޅެއެވެ. ބިދޭސީން އެހާ ގިނައެވެ. ކެއްސާލާއިރަށް ނުވަތަ ރޯގާ ޖެހިލާއިރަށް އަމިއްލައަށް އެކަހެރިވެގެން އުޅެވޭނެ ގޮތެއްވެސް ގިނަ ގެތަކުގައި ނޯވެއެވެ.

ބައްޔަށް ފައްސިވި މީހުންނަށް އަމިއްލައަށް ބުނެދޭން އެނގޭނީ އެމީހުން ދިޔަ ތަންތަނެވެ. އަދި ޔަޤީނުންވެސް އެމީހުންނާއި އެއްތާވި މީހުންގެ ތެރެއިން އެމީހުން ދަންނަ މީހުންގެ ނަންތަކެވެ. މި ކުޑަކުޑަ މާލޭގައި ފުރިބާރުވެ ފިތިގެން ދިރިއުޅެމުންދާއިރު، އެބަޔަކު ނުދަންނަ ކިތަންމެ މީހަކާއި އެއްތާވެފައިވާނެކަމީ ޔަޤީން ކަމެެކެވެ. އެއީ ޤަސްތުގައެއް ނޫނެވެ. އެމީހުންނަށް އެމީހުން ބަލިކަން އެނގުނުނަމަ އެއްވެސް ތާކަށް ނުދާނެއެވެ.

ހިތާމައަކީ އެ ބަލި އެމީހުންގެ ގަޔަށް ނުވަތަ އެ ވައިރަސް އެމީހުންގެ ގަޔަށް ފޯރި ގޮތަކީ ކޮބައިކަން ނޭނގޭތީއެވެ. މާނައަކީ ނޭނގުމެއްގެ ތެރޭގައި ނަމަވެސް އެ ބަލި ޖެހުނު އަސްލު މީހާ އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅެއެވެ. އޭނާއާއި އަބަދުވެސް ކޮންމެވސް ބަޔަކު ބައްދަލުވެ ހަދާނެތެވެ.

ގައިންގަޔަށް ފެތުރޭ މި ބަލި ފެތުރެން ފަށައިފިއެވެ. ބިރުވެރިކަން އިންތިހާއަށް އިތުރުވެއްޖެއެވެ. މަބްރޫކް ވިދާޅުވި، ތޫފާނުގެ ހިމޭން ވަގުތުކޮޅު ގެއްލިއްޖެއެވެ. ތޫފާން އައިސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިއެވެ. ކަމުގެ ހުރި ހާސްކަމާއި ބިރުވެރިކަން ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރެއްވިއުރު އެމަނިކުފާނުގެ މޫނުފުޅުން ފެންނަމުން ދިޔައެވެ.

ދުޢާއަކީ، މިކަމުން އެންމެންވެސް ސަލާމަތްވުމެވެ. އިތުރަށް އެކަކަށްވެސް މި ބަލި ނުޖެހުމެވެ. މި ބަލި ޖެހިފައިވާ އެންމެންނަށް އަވަސް ޝިފާއެއް މިންވަރު ކުރުމެވެ. ހިއްވަރުކުރައްވާށެވެ. ﷲ އަށް ދުޢާކުރާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!