އަންގާރަ ދުވަހުން ފެށިގެން ވައިގަދަވާނެ ކަމަށް ލަފާކޮށް, ޢީދު ބަންދުގައި ސަމާލުވާން އެދެފި
އަންނަ އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކުރިއަށް އޮތް ޢީދު ބަންދުގައި ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ކުރިއަށް އޮތް 24ގަޑިއިރުގެ ތެރޭގައި އުތުރުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވެއެވެ. އަދި ހަމައެއާ އެކު މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވެސް ކެރީގެ އަސަރު ފޯރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މުޅި ރާއްޖެއަށް އާންމުގޮތެއްގައި ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އަރަބި ކަނޑާއި ބޭ އޮފް ބެންގޯލް ސަރަހައްދުގައި މިވަގުތު ތިން ކޮޅިގަނޑެއް އުފެދިފައިވާކަމަށް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވީ ނަމަވެސް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ކަށަވަރުކޮށްފައިވާ ގޮތުގައި އޭގެ އެއްވެސް ނޭދެވޭ އަސަރެއް ސީދާގޮތެއްގައި ރާއްޖެއަކަށް ނުކުރާނެއެވެ.