މާލޭގައި ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފި
އިއްޔެ މާލޭގައި އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފިއެވެ.
މާލެއިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވަނީ 24 ގަޑިއިރުގެ މުއްދަތަކަށެވެ.
އެ މުއްދަތު ހަމަވުމުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަކުރު މިއަދު ވަނީ އެ މުއްދަތު އިތުރު 24 ގަޑިއިރަށް ދަންމާލަން ނިންމައި އެކަން އިއުލާންކޮށްފައެވެ.
އެގޮތުން މި އެންގުން ނެރޭ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ސަރަހައްދު 24 ގަޑިއިރަށް ލޮކްޑައުންކޮށް، އެ ވަގުތުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މުޅިން މަނާ ކަމެކެވެ.
މާލެއިން އިއްޔެ މީހަކު ޕޮޒިޓިވްވިއިރު އެމީހާއާ ސީދާ ގޮތުން ބައްދަލުވި އިތުރު ދެ މީހަކު ވެސް ރޭ ވަނީ ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި އެމީހާގެ ދަރިފުޅު ވެސް ހިމެނެއެވެ.
އަދި އެމީހާއާ ކޮންޓެކްޓުވި 14 މީހެއްގެ ކިބައިންގެ ބަލީގެ އަލާމާތްތަކެއް ފެނިގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.