ޚަބަރު

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނަން: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގައި އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް މީސްމީޑިއާ (ސޯޝަލް މީޑިއާ) ބޭނުންކުރުން މަނާކުރުމަށްޓަކައި، އޮސްޓްރޭލިއާގައި ވެސް އަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް ހާއްސަ ގާނޫނުތަކެއް ހަދައި އެކަން ތަންފީޒުކުރަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

Ads by Allied

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި އުމުރުފުރާގެ ކުދިންނަށް މީސްމީޑިއާގެ އެކި މަންސަތަކުގައި އެކައުންޓުތައް ނުހުޅުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އަދި މި ނިންމުމަކީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިހާރު އަމަލުކުރަމުންދާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމެވި ނިންމެވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑާއި ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މި ހިނގާ އަހަރުގެ ތެރޭގައި ފުރިހަމަކޮށް، އަމަލުކުރަން ފެށުމަކީ ދައުލަތުގެ އަމާޒެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance