ހަނގުރާމައާ ގުޅިގެން މަޑުޖެހުނު މަޝްރޫއުތައް ވަަރަށް އަވަހަށް ހަލުވިވެގެންދާނެ: ރައީސް
މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން މަޑުޖެހުނު މަޝްރޫއުތައް ވަަރަށް އަވަހަށް ހަލުވިވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކާ ހަވާލުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެއްޓެވި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށެވެ.
އަދި އެ މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާނެކަމުގެ ޔަގީންކަންދެއްވައި، އެފަދަ ބައެއް މަޝްރޫއުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
އަދި މަޝްރޫއުތަކުގެ ދުވެލި ހަލުވިވެގެންދާއިރު، މަޑުޖެހުނުތަން ފޫބެދިގެންދާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. އެގޮތުން މާލޭ ސަރަޙައްދާއި އަތޮޅު ތެރޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ތަފްސީލުތައް ރައީސް ވަނީ ހާމަކުރައްވާފައެވެ. އަދި މަޝްރޫއުތައް އަވަހަށް ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރުން އިސްވެ، މައުލޫމާތު ހިއްސާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާމަކުރުމަށް ބާރު ދުވެލީގައި މަސައްކަތްތަކެއް ކުރެވޭކަމަށާ، މައުލޫމާތު ހާމަކުރުމުގައި ހުރިހާ ވުޒާރާއަކުންވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 100ޕަސެންޓް ހާސިލުކުރާނެކަމުގެ އުންމީދު އެބައޮތްކަމުގައި ރައީސް ވިދާޅުވިއެވެ.