ޚަބަރު

މުސާރަ ނުލިބޭ ގޮތަށް ގާޒީ ނަޖީބް ސަސްޕެންޑްކޮށް، މައްސަލަ ޕޮލިހަށް

ދެން އެމްވީ ، ދެން އޮންލައިން

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ގާޒީ ނަޖީބް ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުުލޫކީ މިންގަނޑާ ޚިލާފްވި ކަމަށް ސާބިތުވާ ކަމަށް ނިންމައި، ސުލޫކީ ފިޔަވަޅެއްގެ ގޮތުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ ތިން މަހަށް ސަސްޕެންޑް ކުރަން ނިންމީ އޭނާ އެ ކޮމިޝަނަށް ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައިި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވުމުން ކަމަށެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ ގޮތުގައި ހުރެގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމަށް ވެސް އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ގާޒީ ނަޖީބް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމިއިރު، މީގެކުރިން ވެސް ބައެއް ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަތައް ސާބިތުވާ ކަމަށް ނިންމައި އެ ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!