މުލިއާގޭގައި ގިނަ ދުވަސްތަކަކަށް ޚިދުމަތްކުރެއްވި ޚަލީމް އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ
ރާއްޖޭގެ ހަ ރައީސެއްގެ އަރިހުގައި މުލިއާގޭގައި ބައިގަރުނަށްވުރެ ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާ އެކު ޚިދުމަތްކުރެއްވި މ. ފަތްކޯނި، އިބްރާހީމް ޚަލީމް (ދޮންނަ) އުމުރުފުޅުން 76 އަހަރުގައި މިއަދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރްޙޫމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފުވެރި އިނާމު ވެސް ހާސިލުކުރައްވާފައިވާ ޚަލީމް އަވަހާރަވުމުގެ ހިތާމައިގައި ރައީސް ނެރުއްވި ތަޢުޒިޔާގެ މެސެޖުގައި، އޭނާ ދައުލަތަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ ގިނަ ވަގުތު ހޭދަކުރައްވާފައި ވަނީ މުލިއާގޭގެ މަސައްކަތުގައިކަމަށާއި، ކުރީގެ ހަ ރައީސުންނާ އެކު އޭނާ މަސައްކަތްކުރެއްވީ ނުހަނު ފަރުވާތެރިކަމާއި ކަމޭހިތުމާއެކުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވާފައެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޚަލީމްގެ މައްޗަށް ކަށުނަމާދު ކުރުން ހަމަޖެހިފައި ވަނީ މިރޭ 11:00 ގައި މާލޭގެ އާސަހަރާ މިސްކިތުގައެވެ.