ޚަބަރު

3 މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ ޢާއިލާ ކަރަންޓީނަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އުމުރުން 3 މަހުގެ ކުއްޖަކު ކަރަންޓީނު ކޮށްފިއެވެ.

އޮންލައިން ނޫހެއްކަމަށްވާ "ވަގުތު" އިން ރިޕޯޓްކޮށްފައިވާ ގޮތުން، އެ ތުއްތު ކުއްޖާ އާއި ކުއްޖާގެ މުޅި އާއިލާވެސް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީ އަކަށް ބަދަލުކޮށްފައެވެ. އެއާއިލާގެ މީހުން ކަރަންޓީނު ކޮށްފައި ވަނީ މާލެ އިން ފުރަތަމަ ފައްސިވި މީހާ އާއި ބައްދަލުވެފައި ވާތީއެވެ.

އިއްޔެ މާލެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އެއްވެސް ބޭރު ގައުމަކަށް ދަތުރުކޮށްފައި ނުވާ އަންހެނަކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އިތުރު 10 މީހެއްގެ ނަތީޖާ ވަނީ ނައްސި (ނެގެޓިވް)ވެފައެވެ. ނައްސި ވި މީހުންގެ ތެރޭގައި އޭނާގެ ފިރިމީހާ ވެސް ހިމެނެއެވެ.

މިހާތަނަށް މާލެއިން ވައިރަހަށް ފައްސި ވެފައިވަނީ 3 މީހުނެވެ. އެއީ ފުރަތަމަ ބަލި ޖެހުނު މީހާގެ 2 އަަހަރުގެ ދަރިފުޅާއި އަންހެން މީހާގެ އާއިލާ މީހެކެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސް މާލެ ސަރަހައްދަށް ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ.

ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގައި މިވަގުތު ޖުމްލަ 985 މީހުން ތިބިއިރު 31 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.

މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!