ވިޔަފާރި

މަސް އެކްސްޕޯޓްކުރި މިންވަރު %67.5 ދަށަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
މީގެކުރިން ބޭއްވި މަސްރޭހެއް: މާދަމާ ބާއްވާ ހުޅުމާލެ މަސްރޭހުގައި 64 ޓީމަކުން ވާދަކުރާނެ / ފޮޓޯ:އެޗްޑީސީ

މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުގައުމުތަކަށް މަސް އެކްސްޕޯޓްކުރި މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %67.5 އަށް ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސްގެ ރިޕޯޓްތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ ޖުމްލަ 10,174.7 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް، މިދިޔަ 2025ވަނަ އަހަރުގެ އެ މުއްދަތުގައި 31,300.8 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން ބޭރުކޮށްފައިވެއެވެ.

މި މުއްދަތުގައި ފިނިކުރި ކަނޑުމަސް 7,598.6 މެޓްރިކް ޓަނު އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 5,890.3 މެޓްރިކް ޓަނުގެ ކަޅުބިލަމަހާއި 1,700.2 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެއްޔެވެ.  ދަޅުގައި އަދި ޕައުޗްގައި ބަންދުކޮށް އެކްސްޕޯޓްކޮށްފައި ވަނީ 1,745.8 މެޓްރިކް ޓަނެވެ. ޕްރޮސެސްކޮށްފައި ވަނީ 552.9 މެޓްރިކް ޓަނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ މަހުގެ އެކްސްޕޯޓް އެވްރެޖްކޮށް ހުރީ އަހަރަކު 76,000 އާއި 78,000 މެޓްރިކް ޓަނާ ދެމެދުގައެވެ. އެގޮތުން 2023ވަނަ އަހަރު 78,766.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރިއިރު، ރިވައިޒްޑް ހިސާބުތަކާ އެކު 2025ވަނަ އަހަރު ޖުމްލަ 76,355 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. ނަމަވެސް 2024ވަނަ އަހަރު މި އަދަދު 39,817.1 މެޓްރިކް ޓަނަށް ދަށްވި ފަދައިން، މި އަހަރުގެ ފެށުން ވެސް މި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

Ads by Allied Insurance