ޚަބަރު

"ވޭސްޓް ޓު ވޮންޑަރ" މައުރަޒު: އުކާލާ ކުނިން ދަރިވަރުންގެ އާދަޔާޚިލާފު އުފެއްދުންތައް ދައްކާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސުކޫލުގެ ޕުރިންސިޕަލް ރިންޒީ އބްރާހިމް ވަހީދުގެ ހިޔާލުފުޅާ އެއްގޮތަށް ، ސްކޫލްގެ ރީފް (REEF) ކްލަބުން އިންތިޒާމުކުރި "ވޭސްޓް ޓު ވޮންޑަރ" (Waste to Wonder) މައުރަޒު ރަސްމީކޮށް 4 ޖޫންވީ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5ވަނަ ދުވަހު ފާހަގަކުރާ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި މައުރަޒަކީ، ތިމާވެށި ރައްކާތެރިކުރުމަށާއި އުކާލާ ތަކެތި އަލުން ބޭނުންކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.
އާދިއްތަ އަދި ހޯމަ ދުވަހުވެސް މި މައުރަޒް ބަލާލަން ޒިޔާރަތް ކުރުމުގެ ފުރުސަތު އެބައޮތެވެ.

މި މައުރަޒުގެ މައިގަނޑު ހަތަރު މަގުސަދަކީ:

* ރިސައިކަލް ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި ބޭނުންކުރުން ކުރިއެރުވުން.
* އުކާލާ ތަކެތި ބޭނުންކޮށްގެން އަމިއްލަ އުފެއްދުންތެރިކަން ދައްކާލުމަށް ހިތްވަރުދިނުން.
* ކުނި މެނޭޖުކުރުމުގެ ދެމެހެއްޓެނިވި ގޮތްތަކަށް ހޭލުންތެރިކަން އިތުރުކުރުން.
* ދަރިވަރުންގެ މެދުގައި ތިމާވެށީގެ ޒިންމާދާރުކަމާއި ގްރޫޕް މަސައްކަތް (ޓީމްވޯކް) އާލާކުރުން.

  • އުކާލި ކުނިން އާދަޔާޚިލާފު ރީތި ފަންނުވެރިކަމަކަށް

މި މައުރަޒަށްޓަކައި ދަރިވަރުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި، ސްކޫލް ނިމުމަށްފަހު ކުލާސް ޓީޗަރުންނާއި އެސިސްޓެންޓް ޓީޗަރުންގެ ބެލުމުގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މައުރަޒުގައި ދައްކާލާފައިވާ ކޮންމެ ފަންނީ އުފެއްދުމަކީ މުޖުތަމައުން އުކާލާފައިވާ ޕްލާސްޓިކް، ދަގަނޑު، ބޭނުންނުކުރާ އިލެކްޓްރޯނިކްސް އަދި އެހެނިހެން ކުނި ބޭނުންކޮށްގެން، ރަނގަޅަށް ސާފުކުރުމަށްފަހު ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ދަރިވަރުންގެ ހުނަރުވެރިކަމާއެކު ސަބަބުން މި ތަކެއްޗަށް ވަނީ އާ ދިރުމެއްލިބި، ހިތްގައިމު އުފެއްދުންތަކަކަށް ބަދަލުވެފައެވެ.

މި މައުރަޒުގައި ތަކެތި ދައްކާލާފައިވަނީ މައިގަނޑު 3 ދާއިރާއަކުންނެވެ. އެއީ:

1. އާޓް އެންޑް ކްރާފްޓް: ޒީނަތްތެރިކުރާ ތަކެއްޗާއި ބުދު (ސްކަލްޕްޗާ).
2. ފަންކްޝަނަލް އައިޓަމްސް: ބޭނުންތެރި ހިފާގެންގުޅޭ ތަކެތި (މިސާލަކަށް: ބޮކި/ލޭމްޕް އަދި މެޝިން).
3. ފެޝަން: ހެދުމާއި ގަހަނާގެ ބާވަތްތައް.

"މި މައުރަޒަކީ ހަމައެކަނި މަގްސަދަކީއުފެއްދުންތެރިކަން ދައްކާލުމެއް ނޫން. މިއީ ދެމެހެއްޓެނިވި ދިރިއުޅުމަކަށް ގޮވާލާ ވަރުގަދަ މެސެޖެއް. އަހަރެމެންގެ ދިރިއުޅުމުގައި ތަކެތި ބޭނުންކުރުމާއި އުކާލުމުގެ އާދަޔާ މެދު އަލުން ވިސްނާލަން މިކަމުން މަޖުބޫރުކުރުވޭ،" ރީފް ކްލަބުގެ ފަރާތުން ފާހަގަކުރިއެވެ.

  • "ސުޕަރ ފެހި އެވޯޑް" އަށް އަމާޒުހިފުން

މި ސްކޫލަކީ 'ފެހިމަދަރުސާ' ކޮންސެޕްޓް ވަރަށް ބޮޑަށް ބަލައިގަނެ، ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރާ ސްކޫލެކެވެ. ސްކޫލްގެ އަމާޒަކީ މި އަހަރުގެ "ސުޕަރ ފެހި އެވޯޑް" ހާސިލުކުރުމެވެ. މި މައުރަޒަކީވެސް އެ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • ޝުކުރުގެ ރައްދު

މި މައުރަޒު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ސްކޫލްގެ ޕްރިންސިޕަލް މެޑަމް ރިންޒީ ދެއްވި އިރުޝާދާއި، ވިސްނުންތެރި ލީޑަރޝިޕް އަދި ބެހެއްޓެވި ސާބިތުކަމަށްޓަކައި ރީފް ކްލަބުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން، މި ހަރަކާތް ހަގީގަތަކަށް ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އޭގެ ތެރޭގައި:

* އުފެއްދުންތައް އިންސާފުކޮށްދެއްވި ފަނޑިޔާރުންގެ ޕެނަލް.
* މައުރަޒުގެ މަސައްކަތްތައް ވިލަރެސްކޮށްދެއްވި ޑެޕިއުޓީ ޕްރިންސިޕަލް މެޑަމް ސުވައިބަތު އަދި މެޑަމް ފާތިމަތު ހިލްމީ.
* މައުރަޒު އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ބުރަކޮށް މަސައްކަތްކުރެއްވި ރީފް ކްލަބުގެ ލީޑިންގ ޓީޗަރުން ކަމަށްވާ މަރިޔަމް ޝަފީގާ އަދި އާމިނަތު ސީމާ.
* އަމިއްލަ ޝައުގުވެރިކަމާއެކު ބައިވެރިވި ދަރިވަރުން، އެކުދިންގެ ހިތްވަރަކަށްވި ޓީޗަރުން އަދި އެއްބާރުލުންދިން ބެލެނިވެރިން.
* މައުރަޒު ބޭއްވި ހޯލް ތައްޔާރުކުރުމުގައި އެހީތެރިވި ސަޕޯޓް ސްޓާފުން.

މި މައުރަޒުން ލިބުނު މެސެޖާ އެކު، ދިރިއުޅުމުގައި ކުނި މަދުކުރުމަށާއި، ރިސައިކަލް ކުރުމަށް އަދި ތިމާވެއްޓަށް އިހުތިރާމްކުރުމަށް ހުރިހާ ފަރާތްތަކަކުން އަޒުމް ކަނޑައެޅުމަށް ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance