ޚަބަރު

ރާއްޖެ ފެހިކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް އަމިއްލަ ޒިންމާއެއްކަމުގައި ހެދުމަށް ރައީސް ގޮވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

މުޅި ޤައުމު ފެހިކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއްކަމުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

މި ޚާއްޞަ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ތިމާވެށި އާލާކުރުމުގެ މި ބިޔަ މަސައްކަތުގައި ޚާއްޞަކޮށް ޒުވާނުން އިސްނަގައިގެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ފުޅާކޮށް، ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އަލުން ދިރުވުމަށްޓަކައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މިކަމުގައި ޢަމަލީގޮތުން ޝާމިލުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ތިމާވެއްޓާ ރައްޓެހި ސިޔާސަތުތަކަށް އިސްކަންދެއްވާކަން ކަށަވަރުކޮށްދެއްވަމުން، ޢުމްރާނީ މަޝްރޫޢުތައް ހިންގުމުގައި ބައެއް ފަހަރު ގަސްތައް ނަގަންޖެހުނު ކަމުގައިވިޔަސް، އެ މަޝްރޫޢެއްގެ ތެރެއިން އެ ސަރަޙައްދެއްގައި އިތުރަށް ގަސް އިންދައި އާލާކުރުމަށް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ހިންގޭ ތިމާވެށީގެ އެންމެ ބޮޑު ކެމްޕޭން ކަމުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިހާތަނަށް އަމިއްލަ ޖަމްޢިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުން ވަނީ 6.4 މިލިއަން ގަސް އިންދުމަށް ވަޢުދުވެފައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއިން އާންމުކޮށް ނުފެންނަ ނުވަތަ ނެތެމުންދާ 90 ބާވަތެއްގެ ގަސް ޙިމާޔަތްކޮށް ދިރުވުމަށެވެ.

Ads by Allied Insurance