ޚަބަރު

ސިއްހީ އަދި އިޖުތިމާއީ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ އެހީތެރިކަން ކަށަވަރުކޮށްދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ސިއްހީ އަދި އިޖުތިމާއީ ދާއިރާ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، ޗައިނާ ސަރުކާރުގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއަށް މިއަދު އަރުވައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ، ސިއްހީ އަދި އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މި ދެ ބޭފުޅުން ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސަފީރު ވަނީ، މިހާރު ވިލިމާލޭގައި ކުރިއަށްދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ބިނާކުރުމުގެ ބޮޑު މަޝްރޫއުގެ އިތުރުން، އެހެނިހެން މުހިންމު ތަރައްގީގެ މަސައްކަތްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، މި ދެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކޮށް ތަމްރީނުކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ގީލާ ވަނީ، ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ އިސް ދައުރު ފާހަގަކުރައްވައި، އެ ގައުމުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

Ads by Allied Insurance