ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ
ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި ކުޅުދުއްފުށީގައި ބާއްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައެވެ. އެހެންކަމުން މި އަހަރުގެ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި އެ ސިޓީގައި އޮންނާނީ ސިޓީ ކައުންސިލެއް ކަމަށް އީސީންވަނީ ބުނެފައެވެ.
ކުޅުދުއްފުށްޓަށް އިންތިހާބު ކުރާނީ މޭޔަރަކާއެކު ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ އިއުލާންކޮށްފައެވެ.