ކެފޭ އުސޫލުން މަސްތުވާތަކެތީގެ ޚިދުމަތްދިން މަރަދޫފޭދޫ ގެއެއް ކޯޓު އަމުރަކުން ބަންދުކޮށްފި
އައްޑޫ ސިޓީ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހާއްސަކޮށްގެން ހިންގަމުން އައި "އުއްމީދުގެ" ނަމަކަށް ކިޔާ ގެއެއް، މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން އިއްޔެ ބަންދުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ތެރެއިން ލިބިދޭ ބާރުގެ ދަށުން ނެރުނު މި އަމުރަކީ، މިފަދަ ނުރައްކާތެރި ކުށްތަކެއް ހިންގާ ތަނެއް ބަންދުކުރުމަށް އެ ރަށު ކޯޓުން ފާސްކުރި ފުރަތަމަ އަމުރެވެ. މި އަމުރުގެ ދަށުން އެ ގެ ވަނީ 90 ދުވަހުގެ މުއްދަތަކަށް ފުލުހުން ބަންދުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި އެ ގެއަށް ވަދެނުކުމެ އުޅުމާއި ގޯއްޗަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަކީ ކުށެއްކަން ފާހަގަކޮށް، އެފަދަ އަމަލެއް ހިންގައިފިނަމަ އެ މީހަކާމެދު ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދީފައެވެ.
މުޖުތަމައުގެ ސަލާމަތަށްޓަކައި، ކެފޭ އުސޫލުން ޑްރަގް ބޭނުންކުރާ އިތުރު ތަންތަން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ފުލުހުން ދެއެވެ. މި ފަހަކަށް އައިސް، އައްޑޫ ސިޓީގެ ހިތަދޫގެ އިތުރުން ޏ. ފުވައްމުލަކުގައި ވެސް މިފަދަ އައްޑާތަކެއް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައެވެ.