ޚަބަރު

"ޒީރޯ ޕޭޝަންޓަކީ އެއާޕޯޓު ރެޕެއް"

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ކޮވިޑް19 އެންމެ ފުރަތަމަ ޖެހުނު ނުވަތަ ޒީރޯ ޕޭޝަންޓަކީ އެއާޕޯޓުގައި މަސައްކަތް ކުރާ ރެޕެއްކަމުގައި އެމްޑީޕީ ގެ ކުރީގެ ރައިސް އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރއްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލްހާން ކުރެއްވި ޓްވީޓެއްގައި ވަނީ މިއީ ސަރުކާރުން އިންޓަރނޭޝަނަލް އެއާޕޯޓު ބަންދުނުކުރުމުގެ ނަތީޖާ ކަމަށް ބުނެ ސަރުކާރު ކުއްވެރިކޮށްފައެވެ. އަލްހާން ގެ ޓވީޓުގައި އޭނާ އެވާހަކަ ކުރިން ވެސް ދެއްކި ކަން ފާހަގަ ކުރައްވަމުން ބުނެފައިވަނީ އޭރު ޓޫރިޒަމް މިނިސްޓަރަށް މުހިންމުވީ ޓޫރިޒަމް ކަމުގައެވެ.

މާލެއިން މިހާތަނަށް ހަތް މީހަކު ފައްސިވެފައިވާއިރު ބަލި އެންމެ ފުރަތަމަ ޖެހުނު ޒީރޯ ޕޭޝަންޓު ދެނެގަނެވިފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 11 ދިވެއްސަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އަދި ރާއްޖެެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ 26 އަށް އަރާފައެވެ. މީގެ ކުރިން ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން އައި މީހުނަށާއި ފަތުރުވެރިންނަށެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ ސަރަހއްދަށް އިއުލާނުކުރި ލޮކްޑައުން ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ. އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

މީގެ އިތުރުން މިއަދު 6 ކުން ފެށިގެން އެއްރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް މުޅި ރާއްޖެވަނީ ލޮކްޑައުންކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!