މާލެ ސަރަހައްދުގައި މަގުމަތިވެފައިތިބި 15 މީހަކު އާއިލާއާ ހަވާލުކޮށްފި
ކޮވިޑް19 މާލެއިން ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މަގުމަތިވެފައި ތިބި މީހުންނަށް އެހީތެރިވުމަށް ފުލުހުންނާއި އިދާރާތަކުން ކުރަމުންް އަންނަ މަސައްކަތުގެ ދަށުން، ޖެންޑާ މިނިސްޓްރީ ގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 15 މީހަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފައްޒަ ޝާކިރު ވާހަކަދައްކަވަމުން ވިދާޅުވީ މަގުމަތިވެފައި ތިބި މީހުންގެ ކަންކަން ބެލެހެއްޓުމަށް އިމާދުއްދީން ސްކޫލާއި، ގަލޮޅު ދަނޑުގައި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
މާލެ މަގުމަތިން ޖުމްލަ 54 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހުންގެ ނިދުމާއި، ފެންވަރާ ފާހާނާ ކުރުމާއި ކެއިންބުއިމުގެ އިންތިޒާމު އެތަންތަނުގައި ހަމަޖައްސާފައިވާ ކަން ވެސް ފައްޒަ ހާމަކުރެއްވިއެވެ.
އޭގެ ތެރެއިން 15 މީހަކު އާއިލާ އާ ހަވާލުކޮށްފައިވާއިރު ބޯހިޔާވަހިކަމެއް ނުވަތަ ކުލި ދައްކައިގެން ހުރެވޭނެ ފެންވަރު ނެތް 17 މީހުން ވެސް ހިމެނެއެވެ.
ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާތަނަށް މަގުމަތިވެފައި ތިބި 100 އެއްހާ މީހުންނަށް ކާބޯތަކެތި ވެސް ފޯރުކޮށްދީފައިވާއިރު މި މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ.
ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އިންތިޒާމް ދަރުބާރުގޭގައި ތިބި ޑޮކްޓަރުންގެ ޓީމް އިން ހަމަޖައްސާފައިޥާއިރު ލޮކްޑައުން ދިގު ދެމިގެން ދާނަމަ މި މީހުން އިތުރު ފެސިލިޓީ އަކަށް ބަދަލުކުރާނެ ކަން ވެސް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.