ޚަބަރު

ވުހާންގައި ދުވަސްތަކެއް ހޭދަކުރި ދިވެއްސެއްގެ ނަސޭހަތް

މާލެއިން ކޮވިޑް19 އަށް ބަޔަކު ފައްސިވެ ލޮކްޑައުން އަކަށް ދިއުމާއެކު ގިނަ ބައެއްގެ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. އަދި މި ބަދަލު ތަކަށް ހޭނުމުގައި ގިނަ ބަޔަކަށް ދަތި ތަކަކާއި ވެސް އަންނަނީ ކުރިމަތި ވަމުންނެވެ.

މާލޭގެ ހާލަތު މި ފަދަ ނާޒުކު ދަނޑިވަޅެއްގައި އޮތް އިރު ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ގައި ދުވަސްތަކެއް ހޭދަކުރި ދިވެއްސެއް ކަމަށް ވާ އަހްމަދު ސޮލާހު ވަނީ އޭނާގެ ތަޖުރިބާ ގެ ވާހަކަ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

ސޮލާހު ބުނި ގޮތުގައި ވުހާންގައި ވައިރަސް ފެތުރެން ފެށިއިރު އޭނާ ހުރީ ވުހާންގައެވެ. ވުހާންގެ ހާލަތު ދަށްވަމުން އައިރު އެއްވެސް ވަރަކަށް ގެއިން ނުނިކުތުމަށް އަންގާފައިވާ ކަން ފާހަގަ ކުރަމުން އޭނާ ބުނެފައިވަނީ އެންމެ ޒަރޫރީ ތަކެތި ގަތުމަށްވެސް ބޭރަށް ދިއުން މަނާކަމަށެވެ.

ވުހާންގެ ހާލަތު ސިފަކުރަމުން އޭނާ ބުނެފައިވަނީ ކާބޯތަކެތި ވެސް ހުރީ ވަރަށް މަދުން ކަމަށާއި ބޯފެން ވެސް އެހާ ތަދުކަމަށެވެ. ފެން ހުސްވުމުން އިސްކުރު ތަކުން އަންނަ ފެން ކައްކައިގެން ބޭނުން ކުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޮންލައިން ކޮށް ޒަރޫރީ ބޭނުން ވާ ތަކެތި ގަނެވުނަސް ޑެލިވެރީ އަށް ބައެއް ފަހަރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވާ ކަމުގައި ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ ސުޕަރމާކެޓް ތަކުން ކާނާ ހުސްވެ އެތަކެއް ގޮންޖެހުން ތަކަކާއި ދިމާވިއެވެ.

ދިވެހިންގެ ބައެއް އަމަލުތަކާއި ގުޅިގެން އޭނާ ބުނީ ރާއްޖޭގައި ޑެލިވެރީއަށް ދެ ގަޑިއިރު ހޭދަވުމުން ވެސް ދިވެހިން ޝަކުވާ ކުރާކަމަށާއި މި ދަނޑިވަޅަކީ ވަރަށް އުނދަގޫ ދަތި ދުވަސްތަކެއް ކަން ދަނެގެން އުޅުމަށް ދިވެހިންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މަސް ދުވަހު ހަމައެކަނި ބަތާއި ގަރުދިޔަ ކާން ޖެހުނަސް ޝަކުވާ ކުރުމެއް އޮވެގެން ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ދިރިއުޅުމަށް މިއައި ބަދަލުތަކަށް ހޭނި އެތަކެއް ގުރުބާނީ ތަކެއް ވާން ތައްޔާރަށް ތިބުމަށް އޭނާ ގޮވާލައިފައިވެއެވެ. އަދި ރައްކާތެރިކަމާއެކު ގޭގައި މަޑުކޮށް ވައިރަސް ފެތުރުން ހުއްޓުމަށް ފަރުދީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ވެސް އޭނާ އެދިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!