ލ. އިސްދޫގެ 6 ގެއެއް ކަރަންޓީން ކޮށްފި
ލ. އިސްދޫގެ 6 ގެއެއް ކަރަންޓީން ކޮށްފިއެވެ.
އިސްދޫ ކައުންސިލުން ބުނީ މިއަދު މާލެއިން ކޮވިޑް-19 އަށް ފައްސިވި ކޭސް 27 އާއި ކޭސް 28އާ ޑައިރެކްޓް ކޮންޓެކްޓުވި ލ. ގަމު މީހެއް ދަތުރުކުރި ކުރި ލޯންޗަކުން އިސްދޫގެ ހަ ގެއަކަށް ނިސްބަތްވާ މީހުން ދަތުރު ކޮށްފައިވާ ކަމަށެވެ. އެ ގެތަކަކީ:
1) އާޒާދުގެ
2) މާސް
3) މަހުމާގެ
4) ބީޗްރެސްޓް
5) ސީރީނުވިލާ
6) ރޯސަންވިލާ
އިސްދޫ ކައުންސިލުން ބިނީ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތުގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ހަ ގެއަށް ވަދެ އުޅުމާއި އެގެތަކުގައި ދިރިއުޅޭ މީޙުން ބޭރަށް ނުކުމެ ނޫޅުމަށް އިސްތިމާސް ކުރާ ކަމަށެވެ.
މާލެއިން 12 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.