ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން އިސްލާމީ ޝަރީޢަތް ފުހެލަން: ޝެއިޚް ޢަބްދުﷲ
ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއިން އިސްލާމީ ޝަރީޢަތް ފުހެލުމަށް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޢަބްދުﷲ ވިދާޅުވީ އިސްލާމީ ޝަރީއަތް ކިޔަވާފައިވާ ފަރާތްތަކަށް ރާއްޖޭގައި ވަކާލާތު ނުކުރެވޭ ގޮތަށް ނިންމުމަކީ، ދިވެހިރާއްޖެ އިން އިސްލާމީ ޝަރީއަތް ފުހެލުމަށް ދުރު މުސްތަގުބަލަކަށް އަމާޒު ކޮށްގެން ކުރަމުންގެންދާ މަސައްކަތުގެ އަސާސީ ބިންގަލެއް ކަމަށެވެ.
އިސްލާމީ ޝަރީއަތުގެ ދާއިރާއިން ކިޔަވާ ފަރާތްތަކަށް މީގެ ކުރިން ވަކާލާތު ކުރުމުގެ ހުއްދަ ދިން ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ގޮތުން ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގުރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.
މިކަމާއި ގުޅިގެން ޝެއިޚް ޢަބްދުﷲ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅޭގޮތުން އަދާލަތު ޕާޓީން އެއްޗެއް ވިދާޅު ނުވާތީ ވެސް ޝެއިޚް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
"ޖުޑިޝަރީ އިސްލާހުކުރުމާ، އަނިޔާވެރިކަން ނައްތާލުމުގެ ޝިއާރު އުފުލަމުން ދިޔަ ބޭނުން ވެރިކަމުގައި އެ ދަނީ ކަޝްފުވަމުން،" ޝެއިޚް އަބްދުﷲ ވިދާޅުވިއެވެ.