ޚަބަރު

ޖަލު އޮފިސަރުންނާއި ގައިދީންގެ މެދުގައި ކުރަތިލުމެއް ނުހިނގާ: ކަރެކްޝަންސް

ދެން އެމްވީ ، ދެން އޮންލައިން

މާފުށީ ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

Ads by STELCO

ކަރެކްޝަންސް އިން މިހެން ބުނެފައިމިވަނީ މާފުށީ ޖަލަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެސްއޯ ފުލުހުން ގޮވައިގެން ގޮސް ބަންދުގައި ތިބި މީހުންނަށް ހަމަލާދީ ކަރުނަ ގޭސް ޖަހާ ގޮޅިތަކުން ނެރެ ކުޑަކަކޫ ޖައްސާފައިވާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިޔާގައި ފެތުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑް މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިޔުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭ ގޮތަށް ކުރިޔަށް ނުގެންދިޔުން ކަަމަށެވެ. އަދި މިކަމަކީ ކަރެކްޝަންސްގެ ވެސް ކަންބޮޑުވުން އޮތް ކަމެއްކަމަށް ބަޔާނުގައިވެ އެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ރިމާންޑްގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް މިއަދު ޖަލަށް ޒިޔާރަތްކުރެއްވި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޕޮލިސް ސަރވިސްގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ ރިމާންޑްގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަހުގީގުކުރުމަށްކަމަށްވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރިމާންޑްގައި ތިބި މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުންދިޔަކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. ނަމަވެސް ޖަލު އޮފިސަރުން ވަނީ ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައިދެވޭތޯ ބަލާފައިކަމަށް ކަރެކްޝަނުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!