ޚަބަރު

ޝަހީބު އިބްރާހިމް ޕީއެންސީގެ ކައުންސިލު މެންބަރުކަމުން ވަގުތީގޮތުން ސަސްޕެންޑު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ ތުހުމަތެއްގައި ހައްޔަރުކުރެވުނު، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލު މެންބަރ ޝަހީބު އިބްރާހީމް އެމަގާމުން ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅޭގޮތުން ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ކައުންސިލު މެންބަރު ޝަހީބް އިބްރާހިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރު ކުރުމާއި ގުޅިގެން އެމައްސަލައިގައި ވަކި ގޮތެއް ނިމެންދެން ޕީއެންސީ ގެ އަސާސީ ޤަވާއިދުގެ 17 ވަނަ މާއްދާ އާއި 18 ވަނަ މާއްދާގެ (ށ) ގެ 2 އަށް ރިޢާޔަތްކޮށް، އަދި ޕީއެންސީގެ ހިންގާ ޤަވާއިދުގެ 13 ވަނަ މާއްދައިގެ (ހ) ގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަހީބް އިބްރާހިމް ކައުންސިލު މެންބަރުކަމުން ވަގުތީގޮތުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ޝަހީބް ގެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ ގއ. ވިލިނގިލި/ ލައިޓްހައުސް ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ އަހުމަދު މޫސާ ގެ މައްޗަށެވެ.

ޝަހީބް އިބްރާހިމް އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއްކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމް ކަމަށާއި  އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި އީރާން ހަތް މީހުން ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!