މިދިޔަ 14 ދުވަސް ތެރޭގައި ބައްދަލުވި މީހުންގެ ލިސްޓެއް އަމިއްލައަށް ހަދާލުން މުހިންމު: މުއިއްޒު
ލޮކްޑައުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ތިމާއާ ބައްދަލުވި މީހުންގެ ލިސްޓެއް އަމިއްލައަށް ހަދާލުން މުހިންމު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިގޮތަށް އަމިއްލައަށް ކޮންޓެކްޓް ޓްރޭސިން ހަދާލުމުން ކަމާބެހޭ ފަރާތްތަކުގެ މަސައްކަތަށް ލުޔެއް ލިބި ވަގުތު ސަލާމަތް ކުރުމަށް އެހީއަކަށް ވާނެ ކަމަށެވެ.
"މިފަދަ ވަގުތެއްގައި އަމިއްލައަށް ކޮންޓެކްޓް ޓްރޭސިން ހަދާލުމުން ވަގުތު ސަލާމަތްވެ ފުރާނަތަކެއް ސަލާމަތް ކުރެވިދާނެ، މިއީ ހަމަ ހިޔާލެއް." މުއިއްޒު ވިދާޅުވިއެވެ.
It may be a good idea if we all start to prepare our own "Contact Trace List" going back 14 days since lock down began, as it would help the authorities in saving effort and much crucially, time, in the race to save lives and #FlattenTheCurve . Just a thought...
— Dr Mohamed Muizzu (@MMuizzu) April 18, 2020
މާލެއިން 15 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.