ލޮކްޑައުންގެ ޙާލަތުގައި ދެއަނބިންގެ ކަންކަން ހަމަޖައްސާނީ ކިހިނެއް؟
ރާއްޖޭގެ މީހުންނާއި އިނދެގެން އުޅޭ އާބާދީގެ ތެރެއިން އެއް އަތްބަށްވުރެ ގިނަ އަނބިން ގެންގުޅޭ މީހުންނަކީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އެފަދަ މީހުންގެ ތެރެއިން ވެސް އެއްގެއެއްގައި ދެ އަނބިން ގެންގުޅެނީ ވަރަށް މަދު ބައެކެވެ. އެހެން ނަމަވެސް އެފަދަ މީހުންނަށް ފުރަބަންދުގެ މިޙާލަތަކީ ވަރަށް އުނދަގޫ ޙާލަތަކަށް ވާނެއެވެ. މިފަދަ ޙާލަތެއްގައި އެއަނބިންގެ ކަންކަން ހަމަ ޖައްސާނީ ކިހިނެއް ހެއްޔެވެ؟
މި ސުވާލަށް ޖަވާބު ދެއްވީ ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފެވެ. ''އިސްލާމިކް ނޮލެޖް ''ގެ އެތައް ވައިބާ ގުރޫޕެއްގައި ޝައިޚް ޢިޔާޟަށް ދިރިއުޅުމުގެ ވަރަށް ކުދިކުދި ސުވާލުތައް ވެސް ކުރިމަތިވެއެވެ. މި ސުވާލަށް ވެސް އިސްލާމީ އުޞޫލުގެ މަތިން ޝައިޚް ވަނީ ޖަވާބު ދެއްވާފައެވެ.
''ޕޮލިސްގެ ހުއްދައާއިއެކު އަނެއް އަނބި ގެއަށް ބަދަލުވާނީ ، ނޫންނަމަ ލޮކްޑައުން ވީއިރު ހުރި ގެއެއްގައި ލޮކްޑައުން ލޮކްޑައުން ފިލަންދެން ހުންނާނީ ،ލޮކްޑައުން ނިމުނީމާ އެވީ މުއްދަތު އަނެއް އަނބިމީހާއަށް ވެސް ދޭނީ''
ދީނީ ގޮތުން ނޫން ނަމަވެސް ޝައިޚްގެ ޖަވާބަށް އިތުރުކޮށްލާނަމެވެ. ލޮކްޑައުން ވީއިރު ދުރުގައި ހުރި އަނބިމީހާއާއި ދަރީންގެ ޒަރޫރީ ބޭނުންތައް ފުއްދަން ވާނެއެވެ. އަދި ފުލުހުންގެ ހުއްދައާއެކު އަނެއް އަނބިމީހާގެ ގާތަށް ދިޔަ ނަމަވެސް ރައްކާތެރިކަމަށް ސަމާލުކަން ދެއްޗެވެ.