ވިޔަފާރި

އެޓްމޮސްފިއާއިން "ވަން ބެންޔަން" ބްރޭންޑާ އެކު ތަފާތު ރިސޯޓެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން

ފަތުރުވެރިންނަށް ތަފާތު އަދި އަމިއްލަވަންތަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ އަމާޒުގައި، މަޝްހޫރު ހޮސްޕިޓަލިޓީ ކުންފުނި އެޓްމޮސްފިއަރ ކޯގެ އައު ސީރީޒް "ވަން ބެންޔަން"ގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓު، "އަމާރާ ފަރު" ތަޢާރަފުކޮށްފިއެވެ.

މިއީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ 10ވަނަ ރިސޯޓަށް ވާއިރު، މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ 2027ވަނަ އަހަރުގެ މާޗު މަހުގައެވެ.

އެޓްމޮސްފިއާގެ ކޯރގެ ކޯ-ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރު ސަލިލް ޕަނިގްރާހީ ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން މިހާރު ބޭނުން ވަނީ ހަމައެކަނި މަތީ ފެންވަރުގެ ވަސީލަތްތަކެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމީހަކާ ގުޅޭ ޚާއްސަ ތަޖުރިބާތަކެއް ކުރުމަށް ފަތުރުވެރިން ބޭނުންވާ ކަމަށެވެ. އަދި އަމާރާ ފަރު މެދުވެރިކޮށް އެ ކުންފުނީގެ ޝިއާރު ކަމަށްވާ "އަ ނިއު އެކްސްޕީރިއަންސް އަވޭޓްސް"ގެ ހަގީގީ ކުލަވަރު ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރިސޯޓުގެ މުހިންމު ސިފަތައް

ފަރުމާކުރުން : ކ. އަތޮޅުގައި ތަރައްޤީކުރާ 118 ވިލާގެ މި ރިސޯޓުގެ ފަރުމާތައް ގުޅިފައި ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއެވެ. މީގެ އިތުރުން ދިވެހިންގެ ޒަމާންވީ ފަންގިވިނުމުގެ ސަގާފަތް ޒަމާނީ ފެންވަރަކަށް ރިސޯޓުން ފެންނަން ހުންނާނެއެވެ.

ޚާއްސަ ވަސީލަތްތައް : މަތީ ފެންވަރުގެ ބީޗް އަދި އޯވަރވޯޓަރ ވިލާތަކާ އެކު، އެލީނާ އާޔުރް ސްޕާ އަދި ވެލްނަސް ސެންޓަރެއް ހުންނާނެއެވެ. އާއިލާތަކަށް ޚާއްސަ ގިނަ ވަސީލަތްތަކާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

ކެއިންބުއިން : ޚާއްސަ 3 ރެސްޓޯރެންޓެއް ހިމެނޭއިރު، އޭގެ ތެރޭގައި އާޖެންޓީނާ އަދި ޖަޕާނުގެ ރަހަތައް ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. އަދި މެއިން ޕޫލް ބާރ އެއްވެސް ހުންނާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން ސްޕީޑްބޯޓުގައި 45 މިނެޓުން ދެވޭ އަމާރާ ފަރު ރިސޯޓަކީ ތިމާވެއްޓާ ވެސް ނުހަނު ރައްޓެހި ރިސޯޓެކެވެ. އެގޮތުން އިރުގެ އަލިން ހަކަތަ އުފެއްދުމާއި، ފެން އިސްރާފުކުޑަވާނެހެން ބޭނުންކުރުމުގެ އިތުރުން މިއީ އެއްގޮތަކަށް ވެސް ޕްލާސްޓިކް ބޭނުންނުކުރާނެ (ނޯ-ޕްލާސްޓިކް) ރިސޯޓެއްގެ ގޮތުގައި ހިންގާނެ ތަނެކެވެ.