ކުޑަހުރާގައި ސިއްހީ ފަރުވާދޭން އޫރްޖާ ނެޗުރޯޕެތީ އައިލެންޑެއް ހުޅުވައިފި
ރާއްޖޭގައި ހިންގާ ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާގައި، ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ސިއްހީ ފަރުވާދޭ ހާއްސަ މަރުކަޒެއް ކަމަށްވާ "އޫރްޖާ ނެޗުރޯޕެތީ އައިލެންޑް" ވަނީ ދާދިފަހުން ހުޅުވާފައެވެ.
ސާންސްކްރިތް ބަހުން "ދިރުން"ނުވަތަ ވައިޓަލިޓީގެ މާނަ ދޭ 'އޫރްޖާ' އަކީ، ނެޗުރޯޕެތީގެ އުސޫލުތަކާއި ސައިންސުގެ އަލީގައި ތަރައްގީކޮށްފައިވާ ވެލްނެސް ފަރުވާތައް ގުޅުވައިލައިގެން ހިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ ތަނެކެވެ. ރިސޯޓުގެ މައި ޖެޓީން ދިވެހި ސަގާފީ ދޯންޏެއްގައި ދަތުރުކޮށްފައި ދެވޭ ގޮތަށް ވަކި ރަށެއްގައި ހަދާފައިވާ މި ސްޕާގައި، މޫދު މަތީގެ ޓްރީޓްމަންޓް ސުއީޓްތަކާއި ހާމަވައިގައި ފަރުވާތައް ކުރިއަށްގެންދާނެ ޖާގަތައް ހިމެނެއެވެ.
މި މަރުކަޒުން ދޭ ފަރުވާތައް ބިނާކޮށްފައި ވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ "ރެސްޓް އެންޑް ރީބެލެންސް"، "ކްލީންސް"، "ނަރިޝް"އަދި "ރީކަނެކްޓް" އެވެ. ކޮންމެ މެހެމާނަކަށް ވެސް ފަރުވާ ފެށުމުގެ ކުރިން ހިލޭ ކޮންސަލްޓޭޝަނެއް ދީ، އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ނިދުމާއި ސްޓްރެސް އަދި ހަށިގަނޑުގެ ހާލަތު ދެނެގަނެ، އެންމެ އެކަށީގެންވާ ފަރުވާ ކަނޑައަޅައިދެއެވެ. އޫރްޖާ އައިލެންޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފަރުވާއަކީ އިރުގެ އަލިން ދޭ ފަރުވާއެއް ކަމަށްވާ "ހީލިއޯތެރަޕީ" އެވެ.
އޫރްޖާގެ ޑިރެކްޓަރު ޑރ. އާނަންދު ޕްރަޔާގާ ވިދާޅުވި ގޮތުގައި އެތަނުގައި އިރުގެ އަލި ބޭނުންކުރަނީ ހަމައެކަނި ރީތި މަންޒަރެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ފަރުވާގެ މުހިންމު ބައެކެވެ. އަދި އޭގެ މަގުސަދަކީ ހޫނާއި، އަރާމާއި، ޤުދުރަތީ މާހައުލު ބޭނުންކޮށްގެން ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހީލިއޯތެރަޕީގެ އިތުރުން، މަޑް ތެރަޕީ، ސައުންޑް ހީލިންގ، ޔޯގާ، އެކިއުޕަންކްޗަރ އަދި ސްވިޒަލޭންޑުގެ "އަޔޯން އޭ" ކިޔާ ޤުދުރަތީ މިނަރަލް ކްލޭ ބޭނުންކޮށްގެން ދޭ ހާއްސަ ފަރުވާތައް ވެސް މި މަރުކަޒުން ލިބެން ހުރެއެވެ. އަދި ރޭގަނޑުގެ ވަގުތުތަކަށް ހާއްސަކޮށްގެން "ނައިޓް ސްޕާ ރިޗުއަލް"ގެ ނަމުގައި ތަރިތަކުގެ ދަށުގައި ދޭ ހާއްސަ ފަރުވާއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.