ޚަބަރު

ކޮވިޑް-19: ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ފްލޫ ވެކްސިން ދޭނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް ފްލޫ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ވެކްސިން ދޭން ނިންމީ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފުލުހުންގެ ރައްކާތެރިކަމަށް ކަމަށާއި ރެއިން ފެށިގެން މިހާތަނަށް ގިނަ ފުލުހަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓީޖިކް ޕްލޭންގައި ވެސް ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމެއް މިއީ ފްރޮންޓްލައިން ފަސްޓް. އެހެންވީމަ އޭގެ ދަށުން އަޅުގަނޑުމެން މިހާރު މިރެއިން ފެށިގެން، އެބަ މަސައްކަތް ކުރަމު ޚާއްސަކޮށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފުލުހުންނަށް އެންމެ ފަހުގެ ފްލޫ ޝޮޓްސް، ވެކްސިން ދިނުމުގެ މަސައްކަތް،" ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވި ކޮވިޑްގެ ކަންކަމުގައި ޑިއުޓީގައި އުޅޭ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުގެއްލޭ ގޮތް ހެދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ކެއުމުގެ ކަންކަން ހަމަޖައްސާ އިރު ކުރިއަށް އޮތް ތަނުގައި އެއް ތަނަކަށް އެެއް ނުވެ ކެވޭނެ މަގު ފަހިކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ފައިރޫޝް ވިދާޅުވީ މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މިއަދުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

އެގޮތަށް ބޭރަށް ނިކުމެވޭނީ ޕޮލިސްގެ ޕޯޓަލް އިން ފޯމެއް ފުރުމުން ކަމަށް އޭސީޕީ ފައިރޫޝް ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!