ޓްރާންސްޕޯޓް އޮފީހުން މަސައްކަތް ފަށައި ފުލުހުންގެ އިސްވެރިންނާ މަޝްވަރާކޮށްފި
މާލެ ސަރަހައްދުގެ ޓްރެފިކްގެ ކަންކަން ބަލަހައްޓަށް މިދިޔަ ޖުލައި މަހު އުފެއްދި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްއިން މަސައްކަތް ފަށައި ފުލުހުންގެ އިސްވެރިންނާ މިއަދު މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި ބައްދަލުކުރެއްވުމުގައި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްގެ ވެރިޔާ ޔޫސުފް މާނިއު މުހައްމަދު ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދު އާއި ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
އޭގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށާއި އަދި އެންމެހައި ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.
