ރައީސް ޔާމީނަށް ބަޔަކު ގެއްލުންދީފާނެ ކަމުގެ ބިރު އެބައޮތް، ގެއަށް ބަދަލުކޮށްދީ: އިދިކޮޅު
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ހަށިކޮޅަށް ގަސްދުގައި ބަޔަކު ގެއްލުންދީފަނެކަމުގެ ބިރު އޮތްކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
މާފުށީ ޖަލުގެ ޔުނިޓް 9ގައި ތިބި ގައިދީންނަށް ރޭ ކާންދިނުމަށްޓަކައި ޔުނިޓް ހުޅުވި ވަގުތު ބައެއް ޤައިދީން ޔުނިޓުން ނުކުމެވަނީ ހަމަނުޖެހުން ހިންގާފައެވެ.
އަދި އެކަން ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ގައިދީއަކަށާއި ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިންވަނީ ބުނެފައެވެ. އަދި މިހާރު ޙާލަތު ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އެކަން ހިނގާދިޔަގޮތް ތަޙްޤީޤް ކުރަމުންދާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ މާފުށީ ޖަލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެކޯލިޝަންގެ ޒިއްމާ އެއްކަމަށްވާތީ އެމަނިކުފާނު މިހާރުން މިހާރަށް ގެއަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ބަޔަކު ގަސްދުގައި މަސައްކަތް ކޮށްފާނެ ކަމުގެ ބިރު މި ކޯލިޝަންގެ އޮތުމާއެކު، އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑުމެންގެ ވެސް ޒިންމާއެކެވެ. އެހެންކަމުން އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ލަސްކުރުމެއް ނެތި، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ،"
އެހެންކަމުން މި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަލުތަކުގެ އިންތިޒާމް ވަރުގަދަ ކުރަންޖެހޭކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލަ އެވެ.
"މި ހައްސާސް ވަގުތުގައި ރާއްޖޭގެ ޖަލުތަކުގައި ތިބި އެންމެހާ ފަރާތްތަކާއި ހާއްސަކޮށް އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުގެ އެންމެހާ އިންތިޒާމްތައް ވަރުގަދަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނަވަމެވެ،"