އުލިގަމުން ކޮވިޑް-19އަށް މީހަކު ފައްސި ވެއްޖެ
އުލިގަމުން ކޮވިޑް-19އަށް މީހަކު ފައްސި ވެއްޖެކަން ސަރުކާރުން ހާމަކޮށްފިއެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 52 އަކަށް އަރާފައެވެ.
މިއީ ރާއްޖެތެރޭ ރަށަކުން ބަލި ފެނުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ހއ. އުލިގައުމް ކޮވިޑް19 އަށް ޓެސްޓުކުރި މީހާ ފައްސިވުމާއެކު އޭނާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އަދި މި މީހާ ގުޅުން ހުރި މީހުނާއި އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން މިހާރު އެ އަތޮޅުގެ ގިނަ ރަށްތައް އޮތީ މޮނިޓަރިން ގެ ހާލަތުގައެވެ. އެޗްޕީއޭ މީގެ ކުރިން ބުނެފައިވާ ގޮތުގައި ބައްޔަށް ފައްސިވެފައިވަނީ ބޯޓެއްގައި މާލެއިން ފުރައިގެން ދިޔަ މީހެކެވެ. އަދި މި ބޯޓުގައި ގިނަ އަދަދެއްގެ މީހުން ތިބިއިރު ގިނަ ރަށް ރަށުގައި މަޑުކޮށްފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އެބޯޓުން ދަތުރު ކުރި އެންމެން ހޯދައި އެ ރަށްރަށުގައި ކޮންޓެކްތް ޓްރޭސިން ގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި ރަށް ރަށް ކަރަންޓީނު ކޮށްފައިވަނީ ކޮންޓެކްތް ޓްރޭސިން އަށް ފަސޭހައަކަށް ކަމުގައިވެސް ބުނެފައިވެއެވެ.
ކަރަންޓީނު ކުރި ރަށްތަކުގެ ތެރޭގައި ހއ އަތޮޅުގެ 5 ރަށަކާއި ހދ އަތޮޅުގެ ތިން ރަށެއް ހިމެނެއެވެ.