ހދ.ގެ 3 ރަށަކާއި ހއ.ގެ 3 ރަށަކަށް އަރައި ފޭބުން މަނާ ކޮށްފި
ހދ.ގެ 3 ރަށަކާއި ހއ.ގެ 3 ރަށަކަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ސަޕޯޓު ޑެސްކުން ބުނީ ހއ އަތޮޅުން އުލިގަމު، އިހަވަންދޫ އަދި ތަކަންދޫއަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ. އަދި ހދ އަތޮޅުން ވައިކަރަދޫ، ހިރިމަރަދޫ، އިލުގަމަށް އަރައި ފޭބުން ވެސް ވަނީ މަނާ ކޮށްފައެވެ.
އިހަވަންދޫ ބަންދު ކޮށްފައި ވަނީ ކޮވިޑް-19އަށް ފައްސިވި މީހަކާ ގުޅުން އޮތް މީހަކު ދަތުރުކޮށްފައިވާތީ އެވެ. އެޗްޕީއޭ އިން އެ ރަށަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި އެ ރަށަށް މީހުން އެރުމާއި ރަށުން މީހުން ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ރަށަށް ދަތުރުކޮށްފައި ވަނީ އުލިގަމުގައި ހުރި މި ބަލީގެ ތުހުމަތު ކުރެވިފައިވާ މީހާއެވެ. އޭނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިހަވަންދު އަށް ގޮސްފައެވެ. އުލިގަމުގައި ހުރި މީހާ ވަނީ މާލެއިން ފުރަތަމަ ފެނުނު ކޭސްއާ ކޮންޓެކްޓްވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
މާލެއިން 16 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 36 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.