ފައްސިވި މީހުންގެ ތެރޭގައި ޑެލިވަރީ ކުރާ މީހުންނާއި އޭސީ މަރާމާތުކުރާ މީހުން ހިމެނޭ
މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ޑެލިވަރީ ކުރާ މީހުންނާއި އޭސީ މަރާމާތުކުރާ މީހުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި މިއަދު ކޮވިޑް19 އަށް ޕޮސިޓިވްވެގެން ހާމަކުރި 13 ބަންގްލަދޭޝް ރައްޔިތުންނަކީ ލިލީގެ ފިހާރަތަކުގެ އިތުރުން ޑެލިވެރީގެ ހިދުމަތުގައި ވެސް ހަރަކާތްތެރިވާ މީހުން ކަމަށެވެ.
މީގެ އިތުރުން ކޭސް ނަންބަރު 50 އަދި 51 ގައި ޕޮސިޓިވްވި އިންޑިއާ ދެމީހުނަކީ ބްރައިޓް ބްރަދާސް ގައި މަސައްކަތް ކުރާ ގޭގެއަށް ގޮސް، އޭސީ މަރާމާތު ކުރުމުގައި ހަރަކާތްތެރިވާ ދެމީހުން ކަމުގައި އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
" އެއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދަމުން އެބަދޭ" ، ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިކަން ކަމާއި ގުޅިގެން މިހާތަނަށް 18 ތަނެއް ވަނީ ލޮކްޑައުން ކުރެވިފައެވެ.
މާލެއިން އެކަނިވެސް މިއަދު 16 މީހެއްގެ ގައިންވަނީ ވައިރަސް ފެނިފައެވެ. އޭގެ ތެރޭގައި ލިލީ ގެ 13 މުވައްޒަފުންގެ އިތުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި އަމީންހިޔާ އަށް ބަދަލުކޮށްފައިވާ 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހިމެނެއެވެ. މީގެ އިތުރުންވެސް އިންޑިއާގެ ދެ ރައްޔިތަކު ވެސް ވަނީ މިއަދު ވައިރަހަށް ފައްސިވެފައެވެ.
މާލެއިން ވައިރަހަށް ފައްސި ވި މީހުންގެ އަދަދު 31 އެކަކަށް އަރާފައިވާއިރު ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 51 އަކަށް އަރާފައެވެ.