ޚަބަރު

ކޮވިޑް19: ކުލި ނުދެއްކިގެން އެތައް އާއިލާތަކެއް މަގުމަތިވަނީ!

ދެން އެމްވީ ، ދެން އޮންލައިން

މަރިޔަމްއަކީ އާއިލާގެ އެންމެ ހަގަށް ހުންނަ ކުއްޖާއެވެ. އޭލެވެލް ނިންމި ގޮތަށް އަދި ވަޒީފާއަކަށް ނުގޮސް ހުރި ނަމަވެސް ދޮއްޓަށް ތިބި ހައްވަ އާއި ފާތުމަތު އެކަމަށް އެބަ ބާރުއަޅައެވެ.

ހައްވަގެ ފިރިމީހާ އުޅެނީ ކޮންސްޓްރަކްޝަން ކުންފުންޏެއްގައެވެ. ޙައްވަ ވަޒީފާ އަދާ ކުރަމުން ދިޔައީ ހެދުން ވިއްކާ ފިހާރައެއްގައެވެ. ނަމަވެސް ދެވަނަ ދަރި ލިބުމާއެކު ވަޒީފާ ދޫކޮށްލީއެވެ.

ފާތުމަތަކީ އަބަދު ވެސް ވަޒީފާ އަދާ ކުރާ ހިތްވާ މީހެކެވެ. އޮފީހުން ދިމާވެ ރައްޓެހިވި އަފީފުއާއި ކައިވެނި ކުރުމުން އެއް އޮފީހެއްގައި ދެމީހުން އުޅޭކަން އަފީފް ބޭނުމެއް ނުވިއެވެ. އެހެންވެ އަފީފު ސިވިލް ސަރވިސްއިން ވަކިވެ ރިސޯޓެއްގެ މާލޭ އޮފީހުގެ ވަޒީފާއަކަށް ވަނެވެ.

މި އެންމެން ކުރިން ދިރިއުޅުނީ ދެކޮޓަރީގެ އެޕާޓްމަންޓެއްގައި ނަމަވެސް މީގެ ދެއަހަރު ކުރިން ތިން ކޮޓަރީގެ ތަނަކަށް ބަދަލުވީ މަރިޔަމް އޯލެވެލް ހަދަން މާލެ އަންނާތީއެވެ. ހައްވަގެ ދެކުދިންނާއެކު މި އާއިލާ ދިރިއުޅޭގޭގައި އާންމުކޮށް 7 މީހުން ދިރިއުޅެއެވެ. މިވަގުތު މަންމަ ވެސް ބަލިވެގެން ޑޮކްޓަރަށް ދައްކަން މާލެ އައިސް އެބައިނެވެ.

މި އާއިލާގެ ވަޒީފާ އަދާކުރާ ތިން މީހުންނަށް މަހެއްގެ މައްޗަށް ތެދު ކުރެވެނީ 35 ހާސް ރުފިޔާއެވެ. ގޭގެ ކަރަންޓާއި އެހެނިހެން ޚަރަދު އެންމެ ބޮޑީ ދެކުދިން ތިބި ހައްވަ ނަމަވެސް ކުލި ދައްކަން އެންމެ ކުޑަ އަދަދެއް ދެވެނީ ވެސް ޙައްވައަށެވެ. ކުދިންގެ ޚަރަދު ބޮޑު ވުމުގެ ސަބަބުން ފިރިމީހާއަށް ލިބޭ ފަނަރަ ހާހުގެ މުސާރައިން ކުލި ދައްކަން ދެވެނީ 8000 ރުފިޔާއެވެ. ކުލީގެ ބާކީ ބަޔަށް ލާން ޖެހޭ 15 ހާސް ރުފިޔާއާއި ކަރަންޓާއި ފެނާއި އިންޓަނެޓްގެ ބިލްގެ ބޮޑު ބައި ވެސް ދައްކަނީ ފާތުމަތާއި އޭނާގެ ފިރިމީހާއަށް ލިބޭ މުސާރައިންނެވެ. މިކަމާއި ފާތުމަތު ހިތްހަމަ ނުޖެހުނަސް އާއިލީ ގުޅުމަށް ބުރޫ އަރަން ބޭނުން ނުވުމާއި މަރިޔަމް ކިޔަވާ ނިމި ވަޒީފާއަކަށް ދިޔުމުން ލުއިވާނެ ކަމުގެ އުއްމީދުގައި އަޅާނުލައި ހުރީއެވެ.

މިއީ ހިޔާލީ ތަސައްވަރެކެވެ. ނަމަވެސް މިއީ ފުލޯކް ވާހަކައެއް ނޫނެވެ. މާލޭގައި ދިރިއުޅޭ ''ކުލީގެ އަޅުން''ނަށް މިއީ ވަރަށް ގިނަ އާއިލާތަކުގައި މިކަން ހިނގާ އުޞޫލުކަން ރަނގަޅަށް ސާފުވާނެއެވެ.

މިފަދައިން ދިރިއުޅުން ހޭދަ ކުރަމުން ދިޔަ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދާ މާލެއަށް މިވަނީ ކޮވިޑް19ގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ފޯރާފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖެހުނީ މުޅި ގައުމު ފުރަ ބަންދު ކުރާށެވެ. މިއާއެކު ރިސޯޓްތައް ފަޅު ވެއްޖެއެވެ. ރިސޯޓް މުވައްޒަފުން ، ބައެއް މީހުން ޕޭ ލީވްގައި އަނެއް ބައި މީހުން މުސާރަ ނުހިނގާ ގޮތަށް ''އަންގާލަންދެން'' ޗުއްޓީ ދީފިއެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކާއި ވަކިވަކި ދާއިރާ ފާހަގަ ނުކުރި ނަމަވެސް ހުރިހާ މަސައްކަތްތަކެއް ވެސް ހުއްޓިއްޖެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ ގައުމު ހުއްޓިއްޖެއެވެ. ގައުމުގެ މައްޗަށް ކޮރޯނާ ގަދަވެގެންފިއެވެ.

މި ޙާލަތުގައި އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވަނީ ކުރިން މި ކިޔައިދިން ހައްވައާއި ފާތުމަތުގެ އާއިލާ އަށެވެ. ހައްވަ ފިރިމީހާގެ ކުންފުނިން އަންގާފައި އޮތީ މިދުވަސްވަރަށް ލިބޭނީ ހަމައެކަނި އަސާސީ މުސާރަކަމަށެވެ. ފާތުމަތުގެ ފިރިމީހާ އަފީފް ހުރީ ، މުސާރަ ނުލިބޭ ''އަންގާލަންދެން'' ޗުއްޓީގައެވެ. ވޭތުވެދިޔަ މަހުގެ ކުލީގެ ބައެއް އަދި ނުދެއްކި އޮތްއިރު މިމަހުގެ 20 ފަހަނައަޅާ ދިޔައީއެވެ. ގޭގެ ވެރިމީހާ ކޮންމެ ދުވަހަކު އެތައް ފަހަރަކު އެބަގުޅައެވެ. އަދި 25 ގެ ކުރިން ކުލި ނުދައްކައިފިނަމަ ގެއިން ނިކުންނަށް ބުނެފިއެވެ. އެހެން ނަމަވެސް ފުރަބަންދުގައި ހައްވަގެ ދެމަފިރިން ކުދިން ގޮވައިން ވަންނާނީ ކޮންތާކަށް ހެއްޔެވެ؟

މިއީ ވަރަށް ގިނަ އާއިލާތަކެއްގެ މިދުވަސްވަރުގެ ޙާލަތެވެ. މިފަދަ އެތައް އާއިލާތަކެއް އެމީހުންގެ ހާލަތު ''ދެން''އާއި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މެދު ރާއްޖެތެރޭގެ އަތޮޅެއްގެ ކަނބަލެއްގެ ޙާލަތު ކިޔައިދެމުން ބުންޏެވެ.

''އަހަރެމެން މިއުޅެނީ އެއް ކޮޓަރީގެ އެޕާޓްމަންޓަކު ، ދަރިފުޅާ! މިތާ އެބައުޅޭ 8 މީހުން ، މިހާރު އެންމެންނަށް ވެސް އެނގޭނެ ހާލަތު އޮތްގޮތް ، ފައިސާ ލިބޭނެ ގޮތެއް ނެތް ، ފިރިމީހާ ވެސް އެހުރީ މަސައްކަތް ހުއްޓާލާފައި ގޭގައި ، ވެރިމީހާ އެބަގުޅާ ، މެސެޖު ކުރޭ ، ފައިސާ ނުދެވެންޏާ ނިކުންނަށް އެބަ ބުނޭ ، އެހެން ވިޔަސް އަހަރެމެން ކީއްކުރާނީ ، ކޮންތާކަށް ވަންނާނީ މިހާރު ، ދެން މިވާހަކަ ބުންޏަސް މީހުން ބުނާނެ ކީއްކުރަންހޭ މާލެގަ އުޅެނީ ، އަހަރެންގެ އެބަހުރި ފިޓްޖެހޭ ކުއްޖެއް ، ކޮންމެ ފަހަރަކު މާލެ އާދެވޭތަ''

މި އަންހެން މީހާ ބުނީ އިންތިޚާބުގެ ދުވަސްވަރު ގެއަށް އައިސް ޙާލު ބަލާ ހެދި މެމްބަރުގެ އެހީއަކަށް އެދި އެތައް ފަހަރަކު ގުޅައިފި ކަމަށާއި ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

''ދެން''އާއި ވާހަކަ ދެއްކި އެހެން މީހަކު ބުނީ މި ހާލަތާއި ގުޅިގެން ކުލިން އުނިކޮށްދިނީ 500 ރުފިޔާ ކަމަށާއި ، ކުލި ދެއްކޭނެ ގޮތެއް މިހާރަކު ނެތް ކަމަށެވެ. ކުލި ނުދެއްކޭތީ ގެއިން ނިކުންނަށް ވެސް އަންގައިފި ކަމަށާއި އެހެންވެ ދަރިންކޮޅު ސުކޫލުން ވަކިކޮށްގެން ވިޔަސް މިހާރު ބޭނުންވަނީ ރަށަށް ބަދަލުވާން ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ފުރަބަންދުގެ ސަބަބުން ދެވޭނެ ގޮތެއް ވެސް ނެތް ކަމަށާއިކުރިމަތިވަމުން އަންނަ ރަމަޟާންމަހުގައި ކެއިންބުއިން ހަމަޖައްސާނެ ގޮތަކާއި މެދު ފިކުރު ބޮޑުވާ ކަމަށް ވެސް މާޔޫސްކަމާއެކު އޭނާ ބުންޏެވެ.

މީގެ އިތުރުން ''ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނެވެންޏާ ރާއްޖެތެރޭ ރައްޔިތުން މާލެއިން ރާއްޖެތެރެއަށް އަނބުރާ ގެންދެވެން ޖެހޭނެ ކަމަށާއި މިއަނިޔާ ، އަހަރުމެންނަށް ނުކުރުމަށް ސަރުކާރަށް ގޮވާލާ''ކަމަށް ހާމަ ކުރަމުން މީސްމީޑިއާގައި ކަންބޮޑުވުން ހާމަކުރި މީހަކު އޭނާގެ ޙާލަތު ކިޔައިދީފައިވެއެވެ.

''އަހަރެމެން މާލޭގައި ތިބޭނެ ގޮތެއް ނެތް ، ގޭ ކުލި ދެއްކެން ނެތީމަ ، ކާ އެއްޗެހި ހޯދޭނެ ގޮތެއް ނެތް ، ވަޒީފާއެއް ނެތް ، ވަޒީފާގައި ތިބި މީހުންނަށް މުސާރައެއް ނުލިބޭ ، ރަށަށް ދާން އުޅުމުން ފުރާއުޅުން ބަންދުވީ ، ރަށަށް ދެވޭނެ ގޮތެއް ނެތް ، އަހުރެމެންގެ ގެތަކަށް ރައްކާތެރިކަމާއެކު ދެވޭނެ ގޮތެއް ދައްކާދީ''

މުޅި ދުނިޔެ މިއޮތީ ސިއްހީ ބަލިމަޑުކަމެއްގައެވެ. އަހަރެމެންގެ ވަޞީލަތްތައް ހުރި މިންވަރާއި މުޅި ރާއްޖެ ، އެއް ރަށަކަށް ތަބާވެ އެރަށުން ނޫން ގޮތަކަށް ތައުލީމާއި ޞިއްހީ ފަރުވާގެ އިތުރުން ވަޒީފާގެ ފުރުސަތު ލިބެން ނެތް ގޮތަށް ރާވާލާފައި އޮތް އޮތުމުން އެބަލިމަޑުކަމުގެ ވޭން އެންމެ ބޮޑަށް ތަހައްމަލް ކުރަންޖެހޭ ގައުމެއްގެ ގޮތުގައި މި ދިވެހިރާއްޖެ ވާނެއެވެ. ޞިއްހީ ބަލިމަޑުކަމުގެ ތެރެއިން މި އަންނަނީ އިޖުތިމާއީ އެތައް މައްސަލަތަކެކެވެ. މި ފަދަ ހާލުގައި ޖެހޭ މީހުންނަށް ފައިސާވެރިން އަޅާލަންޖެހެއެވެ. ސަރުކާރުން މިކަމަށް ވަގުތީ ހައްލެއް ހޯދައިދީ ދާއިމީ ހަމަޖެހުމެއް ލިބޭނެ ސިޔާސަތެއް މިގައުމަށް ގެންނަން ޖެހެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!