ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފި
ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން 30 އޭޕްރިލް ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ކުރާ ފަރުޟު ނަމާދާއި ހުކުރު ނަމާދާއި ތަރާވީހު ނަމާދު ހުއްޓާލުމަށް އަންގާފައިވެއެވެ.
އަދި މިހާލަތުގައި ކޮންމެ ނަމާދަކަށް ބަންގި ގޮވުމަށް ފަހު ހުރިހާ އެންމެން ވެސް ގޭގައި ނަމާދު ކުރުމަށް އެދި ބަންގި އަށް ފަހު ދިވެހި ބަހުން ދެ ފަހަރު ގޮވުމަށް ވެސް އިމާމުންނަށް ވަނީ އަންގާފައެވެ.
"މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ". އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.
މީގެ ކުރިން މާލެ ސަރަހައްދުގެ މިސްކިތްތަކާއި ލޮކްޑައުން ކޮށް އަރާފޭބުން މަނާކޮށްފައިވާ ރިސޯޓުތަކުގެ މިސްކިތަކުގެ ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މާރިޗު 18 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.