ޚަބަރު

މަޣްރިބް ނަމާދު ބަންގިއަށް ފަހު ރަށްރަށުގައި ވެސް ގޮވާލީ ގޭގައި ނަމާދު ކުރުމަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ނުރައްކާ ކުޑަކުރުމަށްޓަކައި ސަރުކާރުން އެޅުއްވި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަޙައްދާއި ރިސޯޓްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާ ގޮތަށް ރަށްރަށުގައި ވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ މިއަދު މަޣްރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވަނަދުވަހުގެ އަޞުރު ނަމާދުގެ ނިޔަލަށް ހުއްޓާލާފައެވެ.

މި ނިންމުމާއެކު ރަށްރަށުން ވެސް މިއަދުގެ މަޣްރިބް ނަމާދުގެ ބަންގިއަށްފަހު އިވިގެން ދިޔައީ ގޭގައި ނަމާދު ކުރުމަށް ގޮވާލި އަޑެވެ. މާލެއެކޭ އެއްފަދައިން ރަށްރަށަށް ވެސް އޮތް ނުރައްކާތެރިކަމުގެ ސަބަބުން ރައްޔިތުންނަށް މިވަނީ އެމީހުންގެ މުޅި ދިރިއުޅުން ބަދަލު ކުރަން ޖެހިފައެވެ. ރަމަޟާންމަހުގެ ތަރާވީޙް ނަމާދާއި ދަރުސްތަކުގެ ޖަމާޢަތާއި ޖަމާއަތުގެ ރޯދަ ވީއްލުންތައް މިވަނީ ބޭއްވޭ ގޮތް ނުވެފައެވެ.

ޖަމާޢަތުގެ ނަމާދު ހުއްޓާލުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ މާޔޫސް ނުވުމަށާއި ސަބަބުތަކުގައި ހިފާ ﷲއަށް ދުޢާ ދެންނެވުމަށް ވަޞިއްޔަތް ކޮށްފައެވެ.

"މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ". އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.

މީގެ ކުރިން މާލެ ސަރަހައްދުގެ މިސްކިތްތަކާއި އަރާފޭބުން މަނާކޮށްފައިވާ ރިސޯޓުތަކުގެ މިސްކިތަކުގެ ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މާރިޗު 18 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!