ޚަބަރު

ގަމު އަންހެނުންގެ ކޮމިޓީން ކާބޯތަކެތީގެ މައުރަޒެއް: މިފަހަރު ވަރަށް ވެސް ތަފާތު!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި މަހުގެ 16 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅުވައިގެން، ލ. ގަމު އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީން އިސްނަގައިގެން ކާބޯތަކެތީގެ މައުރަޒެއް ފަށައިފިއެވެ.

Ads by MWSC

"ރަދަ މައުރަޒު" ގެ ނަމުން ނަން ދީފައިވާ މި މައުރަޒަކީ އޮންލައިން ކުރިއަށް ގެންދެވޭ މައުރަޒެކެވެ. ގަމު އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީގެ ރައީސާ މަރިޔަމް ނީނާ "ދެން" އަށް މައުލޫމާތު ދެމުން ބުނީ މި މައުރަޒަށް ދީފައިވާ "ރަދަ" މި ބަހަކީ އިހުގައި ގަމު މީހުން ބޭނުންކޮށް އުޅުނު ލަފްޒެއް ކަމަށެވެ. އަދި މި މައުރަޒަށް މި ނަމުން ނަން ކިޔަން ނިންމީ މިހާރު "ރަދަ”މި ލަފްޒު އާންމުކޮށް ބޭނުން ނުކުރާތީއާއެކު، ވާހަކަދެއްކުމުގައި އަލުން މި ލަފްޒު ފެށުމުގެ މަގްސަދުގައެވެ.

ކޮވިޑް-19 ގެ މިހާލަތާ ގުޅިގެން، އޮންލައިން ކޮށް ކުރިއަށް ގެންދާ މި މައުރަޒަކީ މީގެ ކުރިން އާންމުކޮށް ރާއްޖޭގައި ބާއްވާ ކާބޯތަކެތީގެ މައުރަޒުތަކާއި ވަރަށް ތަފާތު މައުރަޒެކެވެ.

"ދެން" އަށް މައުލޫމާތު ދެމުން ނީނާ އިތުރަށް ބުނީ މި މައުރަޒު ބޭއްވުމުގެ މައިގަނޑު އަމާޒަކީ މި ދުވަސްކޮޅު ގޭގައި ތިބެ، އަންހެނުން ތަފާތު އެކި ކާނާ ތައްޔާރުކޮށް ވިއްކަމުން އަންނާތީ، މިފަދަ ވިޔަފާރިތައް ފުޅާކުރުމަށް އެެހީވެދިނުމެވެ. އަދި އެގޮތުން މި މައުރަޒުގެ ޒަރީއާއިން މިފަދަ ވިޔަފާރިތައް އިތުރަށް ޕްރޮމޯޓްކޮށް، ކަސްޓަމަރުންގެ އަދަދު ގިނަ ވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމުގައި ވެސް ނީނާ ބުންޏެވެ.

މި މަހުގެ 16 އިން 6 ނޮވެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގެ 11 ބައިވެރިން ބައިވެރިވެފައިވާއިރު، ކޮންމެ ބައިވެރިޔަކަށް ވެސް ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަށް ދެ ދުވަސް ލިބިގެންދާނެއެވެ. އެގޮތުން ފުރަތަމަ ދުވަހު ޕްރީއޯޑަރަށް ހުޅުވާލާއިރު، ވިއްކުމަށް ހަމަޖެހިފައިވަނީ ދެވަނަ ދުވަހުއެވެ.

ޕްރީއޯޑަރަށް ކާތަކެތި ހުޅުވާލާނީ އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީގެ ފޭސްބުކު ޕޭޖުގެ އިތުރުން ގަމު އަންހެނުން ކޮމެޓީގެ ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ޖަހައިދޭ އިސްތިހާރަކުންނެވެ.

މި މައުރަޒުގެ ގާތްގަނޑަކަށް 100 ވަރަކަށް އުފެއްދުން ވިއްކުމަށް ހަމަޖެހިފައިވާއިރު، ބައިވެރިންނަށް އޯޑަރުތައް ޑެލިވާ ކޮށްދިނުމުގައި އަންހެނުންގެ ކޮމިޓީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެކޮމިޓީން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފަހަގަކުރުމަށް ނިންމީ އދ. ގެ ކަނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާގެ 20 ވަނަ ބައްދަލުވުމުގައި 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މިދުވަސް ފަހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔެއިން ބަނޑުހައިހޫނުކަން ނައްތާލައި މިކަމާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!